
ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް މިއަދު ހެނދުނު 9 ޖެހިއިރު އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލްތަކާއި ގުޅިގެން ހަމަޖައްސާފައި ވާއިރު، ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިހާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ގާޒީއެވެ.
މި އުސޫލުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމާއި، ސިޓީތަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިގުރާރުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވާއިރު، މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ.
ނަމަވެސް އެލްޖީއޭއިން ބުނީ، 677 ކައުންސިލަރުން ހުވާކުރުމާ ހަމައަށް އިންތިހާބުކޮށްފައިވާ ކަމަށާ، އެގޮތުން މިއަދު 676 ކައުންސިލަރުން ހުވާކޮށްފައިވާ ކަމަށެވެ.
އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ. މިދައުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިހާބު ކުރަން ޖެހެނީ ކައުންސިލަރުންގެ ތިބި އަދަދަށް 678 ފަރާތެކެވެ.
އޭގެ ތެރެއިން 673 ޑަބްލިއުޑީސީ މެންބަރުން އިންތިހާބުކޮށްފައިވާއިރު، މިއަދު 662 މެންބަރުން ހުވާކޮށްފައިވާ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.




