
މި އިންތިހާބުގައި ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓުގެ ވަގުތީ ނަތީޖާގައި، އެންމެ ވޯޓެއްގެ ތަފާތުން އެ ގޮނޑި ފުރަތަމަ ހޯދީ ޕީއެންސީ ކެންޑިޑޭޓު ކަމަށް ވީނަމަވެސް މައްސަލަ ބޮޑުވެ، އެ ވޯޓުތައް އަލުން ދެވަނަފަހަރަށް ގުނުމުން ވަނީ އެމްޑީއޭގެ ކެންޑިޑޭޓް އެއް ވޯޓުގެ ތަފާތުން ކުރި ހޯދާފައެވެ.
އީސީ (އިލެކްޝަންސް ކޮމިޝަން) އިން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ (މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިފައި ވަނީ 392 ވޯޓެވެ.
ނަމަވެސް، މައްސަލަ ހޫނުވި ހިސާބަކީ، ލ. އަތޮޅު ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް އެމައްސަލަ ހުށަހެޅި ހިސާބުންނެވެ.
އަދި އެމްޑީއޭ އިން އެ މައްސަލަ ހުށަހެޅުމާއެކު، ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތްކަމަށްބުނެ ވޯޓު އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް، އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމިއެވެ.
އަދި ޕީއެންސީ އިން އެދުނުފަދައިން އަލުން ވޯޓު ގުނުމުން ވެސް އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓުކަމަށް އީސީއިން ކަނޑައެޅިއެވެ.
ކައުންސިލް އިންތިހާބުގެ ދ.މީދޫ ވޯޓުގެ ރަސްމީ ނަތީޖާ އީސީ އިން ބުރާސްފަތި ދުވަހު އިއުލާން ކުރި އިރު، ނަތީޖާ ދައްކާ ގޮތުން ސުހާ އިބްރާހީމަށް ލިބުނީ، 391 ވޯޓެވެ. މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް އަށް 100 ވޯޓު ލިބިފައިވެއެވެ.
މި މައްސަލަ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ފިޔެސް އަށް ލިބިފައިވާއިރު، މި މައްސަލައިގައި ޕީއެންސީން މިހާރު ބުނަނީ ބާތިލުކުރަން ނުޖެހޭ ވޯޓެއް ވެސް އީސީ އިން ބާތިލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން ގޮތެއް ނިންމިކަމެއް އަދި ސާފެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީގެ އިންތިހާބުން، ދެވަނަ ބުރު ބާއްވަންޖެހޭ ފަސް ދާއިރާގައި ވޯޓު ލުން މިއަދު ފަށާފައި ވާއިރު، އެ ވޯޓުލުން މިއަދު ހަވީރު 16:00 ގެ ފަހަށް ބަންދުވާނެއެވެ.




