ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން..
ރެފަރެންޑަމުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް
"ހަނގުރާމަޔަކުން ބަލިވީމާ އޭގެ ޒިންމާނަގަން ޖެހޭނީ ލަޝްކަރުގެ ކޮމާންޑަރު" – އަލީ ހުސެއިން
ޖުނާން އަޙުމަދު 19 އޭޕްރީލް 2026 (އާދީއްތަ)   11:09
ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބުކަމުގައިވާ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ، ރިފަރެންޑަމް އިން ޕީއެންސީ ބަލިވީ އެ ޕާޓީގެ ކެންޕެއިން ޓީމުތަކުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް ރައީސް މުއިއްޒު ރޭ އއ.ރަސްދޫގައި ވާހަކަދައްކަވާފައި ވަނިކޮށެވެ.

މިފަދައިން ވިދާޅުވެ އަލީ ހުސައިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިހާބު އެއްކުރުމުގެ ވޯޓުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހި ވަޑައިގަންނަވާނީ ސީދާ ރައީސް މުއިއްޒު ކަމަށާ، ޒިންމާއިން ބަރީއަވާން އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުމަކީ ރީތި ގޮތެއް ނޫން ކަމަށެވެ.

" ދެ އިންތިހާބު އެއްކުރުމުގެ ވޯޓުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭނީ ސީދާ ރައީސް މުއިއްޒު. ޒިންމާއިން ބަރީއަވާން މަސައްކަތް ކުރެއްވުމަކީ ރީތިގޮތެއް ނޫން. ހަނގުރާމަޔަކުން ބަލިވީމާ އޭގެ ޒިންމާނަގަން ޖެހޭނީ ލަޝްކަރުގެ ކޮމާންޑަރު." – އަލީ ހުސެއިން

ރިފަރެންޑަމްގެ ނާކާމިޔާބީއާ ގުޅިގެން ޕީއެންސީގެ އާންމު މެންބަރުން ވެސް ހިމެނޭހެން، ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް އަމާޒުވެފައި ވާއިރު، ނިމިދިޔަ ކައުންސިލް އިންތިހާބާއެކުގައި ނެގި، ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް 148،859 މީހުން ވޯޓުދީފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 68.7 އިންސައްތަ މީހުންނެވެ. އަދި ފެންނަ ކަމަށް 67،680 މީހުން ވޯޓުދީފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 31.3 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް