ރައީސް މުއިއްޒު، އއ. ރަސްދޫގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި - ފޮޓޯ: ޕީއެންސީ
ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުން ބަލިވީ ކެމްޕޭން ޓީމުތަކާ ހެދި ކަމަށް
މަރްޔަމް މުޙައްމަދު 19 އޭޕްރީލް 2026 (އާދީއްތަ)   09:38
ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުން ވެރިކަންކުރާ ޕީއެންސީ ބަލިވީ އެ ޕާޓީގެ ކެމްޕޭން ޓީމުތަކާ ހެދި ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާއެކުގައި ނެގި، ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް 148،859 މީހުން ވޯޓުދީފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 68.7 އިންސައްތަ މީހުންނެވެ. އަދި ފެންނަ ކަމަށް 67،680 މީހުން ވޯޓުދީފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 31.3 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.

މި މަހު 4 ގައި ބޭއްވި މި އިންތިހާބުގައި އއ. ރަސްދުއާއި އެއަތޮޅު ތޮއްޑޫ އަދި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނުފެނޭތޯ ނެގި ވޯޓުގައި، ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލީ އެއް ސަބަބަކީ އެކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން ކުރެވިފައި ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ. އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފަކައެއް،" – ރައީސް މުއިއްޒު

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާ ކުރު ގޮތަކަށް، ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު ކިޔައިދެވޭތޯ މަސައްކަތްކުރައްވައިފައިވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރުމުން ރައްޔިތުންނާ ހަމައަށް ދިޔައީ އެ ވާހަކަތައް އެކަނި ކަމަށްވާތީ، އެކަން ދިޔައީ "ކޮންފިއުޝަނެއްގައި" ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނެތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

އަދި، ދެ އިންތިހާބު އެއްކުރުމުގެ މައްސަލައިގައި، ކުރިއަށް ދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، އެހެންކަމުން އެ ގާނޫނަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

ކޮމެންޓް