ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ހުންނަ ގޮނޑިތައް، މަޖިލީހުގެ ގޯތިތެރޭގައި.-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ބަދަލުކުރަނީ
މަރްޔަމް މުޙައްމަދު 19 އޭޕްރީލް 2026 (އާދީއްތަ)   12:52
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާ ކުރާ މާލަމުގައި ތިއްބަވާ ގޮނޑިތައް ބަދަލުކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 95 އެގްޒެކްޓިވް މީޑިއަމް ބެކް ޗެއަރ ގަތުމަށް" ބޭނުންވާ ކަމަށެވެ.

އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ލިޔުންތަކުން އެނގޭ ގޮތުގައި، މަޖިލީހަށް ގަންނަން އިއުލާން ކޮށްފައިވަނީ މެންބަރުން މިހާރުވެސް އިށީނދެވަޑައިގެން ތިއްބަވާ ވައްތަރުގެ ގޮނޑިއެވެ.

އެ ވައްތަރުގެ 95 ގޮނޑި ބޭނުންވެގެން ބީލަމަށް ހުޅުވާލާފައިވާއިރު، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީވެސް 95 އެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޖެހެނީ އޮންލައިންކޮށް ރަޖިސްޓްރީ ވާށެވެ. ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 25 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިންނެވެ.

ކޮމެންޓް