
އެކަމުގެ މައުލޫމާތު ލިބުމުން ފިޔެސް އިން މަޖިލީހުގެ ރަސްމީ ވެބްސައިޓު ބެލިއިރު، ފެންނަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ނާޒިމް ވަކިކޮށްފައިވާ ކަމަށެވެ.
މިޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާ ވަކިކުރުމަށްފަހު، އެ ކޮމެޓީއަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރު އައްޔަންކޮށްފައިވާއިރު، 241 ކޮމެޓީން ވެސް ނާޒިމް ވަކިކުރުމަށް ފަހު އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ.
މި ދެ ކޮމެޓީން ވެސް ނާޒިމް ވަކިކޮށްފައިވީ ނަމަވެސް، މަޖިލީހުގެ އެސްއޯއީ ކޮމިޓީއަކީ ވެސް ނާޒިމް ހިމެނިވަޑައިގަންނަވާ ކޮމެޓީއަކަށް ވާއިރު، އޭނާ އެ ކޮމެޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން ފެންނާކަށް ނެތެވެ.
މި ކަމާ ގުޅިގެން ނާޒިމް ނިސްބަތްވާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހްގެ ބަހެއް އަދި މިހާތަނަށް ލިބިފައި ނުވާއިރު، ނާޒިމްގެ ފަރާތުން ވެސް މިކަމަށް އަދި ޖަވާބެއް ލިބޭގޮތެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމް ވަކިކުރިކަން މިއަދު ހާމަވެފައި ވީނަމަވެސް، އޭނާ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިއިރު ވެސް އެ ފަދަ އެއްވެސް މައުލޫމާތެއް ވިދާޅެއް ނުވެއެވެ. އަދި، މިއަދުގެ ޖަލްސާގައި މި ބަދަލު ހާމަނުކުރީ ކީއްވެ ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ނާޒިމް އަކީ، އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ގިނަ މަސައްކަތްތަކެއްގައި ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅަކަށް ވާއިރު، ފުލުހުންގެ ވެލްފެއާ ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވެސް، އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވެސް ނާޒިމް ވަނީ އިސް ދައުރެއް އަދާކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.




