ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މިއަދުގެ ޖަލްސާގައި.-- ފޮޓޯ: މަޖިލިސް
އަތޮޅު ކައުންސިލްތައް އަލުން އުފެއްދުމަށް އެދި އިސްލާހެއް ހުށަހަޅައިފި
ޖުނާން އަޙުމަދު 21 އޭޕްރީލް 2026 (އަންގާރަ)   20:11
އަތޮޅު ކައުންސިލްތައް އަލުން އުފެއްދުމުގެ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހުގެނައުމުގެ އަތޮޅު ކައުންސިލްތައް އުވާލުމުގެ ބިލު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައި ވާއިރު، އެ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވި، ރަށު ކައުންސިލްތައް ސީދާ އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ) އަށް ޖަވާބުދާރީވާ ގޮތަށް ބަދަލުކޮށްފައި ވެއެވެ.

ނަމަވެސް، މިއަދު ހުށަހަޅާފައިވާ މި އާ އިސްލާހުގެ މަގުސަދަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމު އަލުން އިއާދަކުރުން ކަން ފާހަގަކޮށްލެވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެއްޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތެއްގައި ހިންގުމަށްޓަކައި، މީގެ ކުރިން ގެނެވުނު އިސްލާހަކުން އުވާލާފައިވާ އަތޮޅު ކައުންސިލްތައް އަލުން ރުޖޫއަކުރުން ކަމަށް އިސްލާހު ހުށަހައްޅުވަމުން ކުޑޫ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައުމަށް މި ބިލުގައި ހުށަހަޅާފައިވާއިރު، 230 ވަނަ މާއްދާގެ (ށ) އަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

އަދި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރަންވާނީ އެ ކައުންސިލަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް، ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

އިންތިހާބުތައް އެއްކޮށްލުމާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލުހޯދުމުގެ ވޯޓުގައި 68.74 ޕަސެންޓް ރައްޔިތުން "ނޫނެކޭ" ބުނުމަކީ، ސަރުކާރުން ހުށަހެޅި ބައެއް ބަދަލުތަކަށް ރައްޔިތުންގެ ރުހުން ނެތްކަން ހާމަވާ ކަމެއް ކަމަށާ، އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ފާސްކުރި ބިލަކީވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ނިންމުމެއް ނޫން ކަމަށް ވެސް ބިލު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވިއެވެ.

ކޮމެންޓް