
މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ އެމީހުންނަށް ލިބުނެވެ. އެމީހުންނަށް ލިބިފައިހުރި އަނިޔާތައް ބޭރުފުށުންވެސް ފެންނަން ހުއްޓެވެ. ހައްޔަރުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން އެ ދެމީހުންނަށް ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
ވާވާ ރޭ ފަތިހުގެ ވަގުތެއްގައި ދޫކޮށްލިނަމަވެސް، މައިމޫން މިއަދު ވަނީ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް މުއްދަތު ނުޖަހައި، މައިމޫން ދޫކޮށްލީ ކޯޓުން ޝަރުތު ތަކެއް ކުރުމަށްފަހު އެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، ރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.
އެޕްރީލް 4 ގައި ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައެވެ. އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީން ފާސްކުރި 12 ޑިމާންޑާއެކު، އެ ޕާޓީން އިހުތިޖާޖު ކުރަން ނިންމީ އެޕްރީލް 14 ވަނަ ދުވަހުގެ ރެއެވެ.
އެ ރެއިން ފެށިގެން އެމްޑީޕީން އަންނަނީ ކޮންމެ ރެޔަކުމެ އެ ޕާޓީގެ ހަރުގެ ހުންނަ ޗާނދަނީމަގު ސަރަހައްދުން ފެށިގެން އެކި މަގުތަކަށް އެއްވާން ފަށާފައެވެ. ފުލުހުން ގެންދަނީ ކޮންމެ ރެޔަކުވެސް އެ އެއްވުމަށް ހުރަސް އަޅަމުންނެވެ.




