
އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް އަންނަނީ މިހާރު އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތައް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވާއިރު، އެކިވަރުގެ އަނިޔާތައް ފުލުހުންނަށާއި މުޒާހަރާ ކުރާ މީހުންނަށްވެސް ލިބެއެވެ. އެމްޑީޕީގެ މުޒާހަރާތަކުން ބައެއް މީހުން ހައްޔަރުކޮށްފައި ވާއިރު ޕީއެންއެފްގެ މުޒާހަރާގައި ބޭނުންކުރި އެލްސޯފާ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެއްވުންތަކާ ގުޅިގެން އެޗްއާރްސީއެމް އިން ރޭ ނެރުނު ބަޔާނުގައި ބުނީ މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތަށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވިޔަސް މި ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާ ގޮތަށް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައި ވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރުލިބޭ ގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ރޫހާ ހިލާފް އަމަލުތަކެއްކަން ފާހަގަކުރަމެވެ." އެއްވުންތަކުގައި ކުރި ވަކި ކަމެއް ނުވަތަ ދެއްކި ވާހަކައެއް ފާހަގަނުކޮށް، ބަޔާނުގައި ބުނެފައި ވެއެވެ.
މިފަދަ އަމަލުތައް ކުށްވެރިކުރަމުން އެޗްއާރްސީއެމް އިން ބުނީ ސިޔާސީ ޕާޓީތަކުންނާއި ފާޓީތަކުގެ އިސްފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އިންތިޒާމްކުރުމުގައި އާންމު މަސްލަހަތު އިސްކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ބާއްވާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި އެދިފައި ވެއެވެ.




