ރައީސް ނަޝީދު އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ: ރައީސް ނަޝީދު
ޖުނާން އަޙުމަދު 21 އޭޕްރީލް 2026 (އަންގާރަ)   22:53
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގެންނެވުމަށާއި އެހެންނޫނީ އެމްޑީޕީން ފަށާފައިވާ އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ހަމަ އެކަކުވެސް ރައްޔިތުންގެ ތެރޭގައި މިއަދު ނެތް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނެސްފައިވާ ބައެއް ބަދަލުތައް އަލުން އިއާދަކޮށް، ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ފަދަ ވަރުގަދަ އޮނިގަނޑެއް އެކުލަވާލަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އާންމު ހާލަތު ކައްސާލައިގެން ދާނެ ކަމުގެ ބިރު މިއަދު އެންމެނަށް އެބައޮތް ކަމަށެވެ.

"ދިވެހިރާއްޖެ ދުނިޔޭގެ އެހެން ހުރިހާ ގައުމެކޭ ފަދައިން މިވަނީ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި. ތަކެތީގެ އަގު އުފުލެމުންދާ މިންވަރާއި، ޑޮލަރުގެ އަގު ބޮޑުވަމުންދާ މިންވަރާއި، ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މިންވަރު އަޅުގަނޑުމެން އެންމެނަށް ފެންނަން އެބަހުރި،" މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކުން ޚަރަދު ކުޑަކުރަމުންދާ ދިއުމަކީ އިގްތިސާދީ ނާޒުކު ފަތަރެއްގައި ރާއްޖެ އޮތްކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން އެދެނީ ގިނަގިނައިން ވޯޓު ނަގައި، ސިޔާސީ ލީޑަރުން ރައްޔިތުންގެ ގާތަށް ގިނައިން ދިއުމަށް ކަމަށެވެ. އަދި މިފަދަ ސިފަތައް ގާނޫނުއަސާސީގައި ހިމެނި، ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ، ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށްވެސް އަޅުގަނޑުމެން ދާނަން. ރައީސް މުއިއްޒާއި ސަރުކާރު އަޅުގަނޑުމެންގެ މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަމުގައި ދެމިތިބޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިމަހުގެ 19 ވަނަ ދުވަހު ބޭއްވި "ބޮޑު ބަދަލު" ނޫސްކޮންފަރެންސްގައި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވައި ލެއްވި އެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ ސުވާލުކުރުމުން ވިދާޅުވީ އެކަމަކީ ރައްޔިތުން ހަވާލު މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް