
ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކުގައި ތިއްބަވައި "ބޮޑު ބަދަލު"ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސަރުކާރު ހިންގެވުމުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަން ތާއީދު ކުރައްވާ ކަމަށެވެ.
"މި ބޮޑު ބަދަލު ގެނައުމަށްޓަކާ އަޅުގަނޑު ތާއީދުކުރަން ފައްޔާޒު އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ފައްޔާޒުއާއި ނަޝީދު އެކުގައި ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ދެ ބޭފުޅުންގެ ވިސްނުންފުޅުގައި ގައުމަށް ގެންނަން ފެންނަ ވަރަށް ގިނަ ބަދަލުތައް ވަނީ ހިއްސާ ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ ފުރަތަމަ ކަމަކަށް މި ބަދަލުތަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ގަސްތުކުރައްވާ ކަމުގައި ވިދާޅުވި އެވެ.
"އެކަން އަޅުގަނޑު މިކުރަނީ (އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިމިލަނީ) މި ބަދަލުތައް އަޅުގަނޑުމެން ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް މިހާރު ބޭނުން. އެއީކީއެއް 2028 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދާންވީ ބަދަލެއް ނޫން," ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ އެ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ދައުވަތު ދެއްވާފަ އެވެ. އަދި މަޝްވަރާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.
އެ ބަދަލުތައް ހޯދުމަށް އެކި ކަންކަން އެކި ގޮތަށް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސީދާ ހަރަކާތަށް ދިއުމާއި ސުލްހަވެރި ސިޔާސީ ހިނގާލުންތަކާއި އެއްވުންތަކާއި ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ބޮޑު ބަދަލު ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.




