ރައީސް ނަޝީދު، އިންޑިއާގެ ރައީސް މޯދީއާއެކު.--
ހުރިހާ ޕާޓީތަކެއް އެއްބަސްވެގެން އިންޑިއާއާ ވާހަކަ ދެކެވިއްޖެއްޔާ ކާމިޔާބު ވާނެ
ޖުނާން އަޙުމަދު 21 އޭޕްރީލް 2026 (އަންގާރަ)   11:40
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކުން ފަސްކުރުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖެނަމަ އެކަން ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ދޫކުރި ފެސިލިޓީ އެކެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާ އިން ވަނީ އިތުރުކޮށްދީފަ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މި ފެސިލިޓީ މި އެޕްރީލް މަހު އަނބުރާ ދައްކަންޖެހޭ އިރު، ތިންވަނަ ފަހަރަށް ލަސްކުރުމަކީ އިންޑިއާގެ މާލިއްޔަތު ގަވާއިދުތައް ތަން ނުދޭ ކަމެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާ ކަމަށެވެ.

އަދި ސަރުކާރުން 500 މިލިޔަން ޑޮލަރުގެ ސުކޫކްގެ ފައިސާ މިމަހު ދެއްކިކަން ފާހަގަ ކުރައްވައި، ރާއްޖޭގައި ޑޮލަރު ރިޒާވް މިހާރު ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ޑީފޯލްޓްވެއްޖެނަމަ މުޅި މާލީ ނިޒާމަށް އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

"އެމްޑީޕީން ހުށަހަޅާ ބޮޑު ބަދަލުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާ ހިންގުން. އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކަޔަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖިއްޔާ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސަރުކާރު މަޝްވަރާގެ މޭޒަށް އައުމަށް، އަނެއްކާވެސް އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިމަހުގެ 19 ވަނަ ދުވަހު ބޭއްވި "ބޮޑު ބަދަލު" ނޫސްކޮންފަރެންސްގައި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވައި ލެއްވި އެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ ސުވާލުކުރުމުން ވިދާޅުވީ އެކަމަކީ ރައްޔިތުން ހަވާލު މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް