ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް އެކުގައި”ބޮޑުބަދަލު“ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން
ރައީސް ނަޝީދާއި ފައްޔާޒުގެ ހުށަހެޅުއްވުމަކީ ރާއްޖެއަށް އެކަށޭނަ މަސްހުނި ނިޒާމެއް
ޖުނާން އަޙުމަދު 20 އޭޕްރީލް 2026 (ހޯމަ)   01:59
"ބޮޑު ބަދަލު" ގެ ނަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ތައާރަފްކޮށްދެއްވާ އިއުލާންކުރެއްވި، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ ކަމަށް ފެންނަ ބަދަލުތަކަކީ، ބަރުލަމާނީ ނިޒާމުގެ ސިފަ އޭގައި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް، އެއީ ރާއްޖެއަށް އެންމެ އެކަށޭނަ މަސްހުނި ނިޒާމެއް ކަމަށް އެބޭފުޅުން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައި، ރާއްޖޭގައި މިހާރު ކުރިއަށް މިދަނީ ވެސް މަސްހުނިވެފައިވާ ނިޒާމެއް ކަމަށް ސިފަކުރައްވާ ވިދާޅުވީ، މިހާރު މި ހުށަހަޅުއްވާ ނިޒާމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާ އާއި ދައުލަތުގެ އެންމެ މަތީވެރިޔާ އަކީ ވަކި ދެ ޝަހުސެއް ކަމަށާ، އޭގައި ބަރުލަމާނީ ސިފަ އެކުލެވުނު ނަމަވެސް، ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ވަކި ނިޒާމެއް އެއީ މިހާރު އަޅުގަނޑުމެންނަށް މި ތަޖުރިބާ ކުރެވުނު އިރުގައި ދިވެހިރާއްޖެ އަށް އެންމެ ސޫޓަބުލްއެއް ހަމަ ނޫނޭ. އަޅުގަނޑުމެން މި ޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކެއް އޭގެ ތެރެއަށް ގެންނަން،" - ފައްޔާޒް

މިހާރު އޮތް ރައީސްގެ މަގާމަކީ ސަރުކާރުގެ ވެރިޔާ ކަމަށް ބޭއްވުމަށް ފަހު، ދައުލަތުގެ ވެރިއަކަށް އެހެން ބޭފުޅަކު އިންތިހާބު ކުރުމަކީ މިހާރު ގެންނަން އުޅުއްވާ ބަދަލު ކަމަށާ، އެ ބަދަލު ރައްޔިތުން ބަލައިގެންފި ނަމަ، ސަރުކާރުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ބޭފުޅާގެ ނަން ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި އެހެން ނަމަކަށް ބަދަލުވެސް ކުރެވިދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ހުށަހެޅުއްވި ފާހަގަކޮށްލެވޭ ބަދަލުތައް:

  • ސަރުކާރުގެ ވެރިޔާގެ އިތުރުން ދައުލަތުގެ ވެރިއަކު ހުރުން
  • ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމަކަށް ހެދުމާއި ދައުލަތުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ބައިވެރިވެގެން ނަގާ ވޯޓަކުން ހޮވާ ފަރާތަކަށް ހެދުން
  • ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން
  • ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
  • ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ހެދުން
  • ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުން
  • މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުން

އެ ބަދަލުތަކުގެ އިތުރުން ވެސް ގެންނަވަން ގިނަ ބަދަލުތަކެއް ފައްޔާޒް މިއަދު ހުށަހެޅުއްވި އެވެ.

ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަނަށްފަހު، ރައީސް ނަޝީދު ވިދާޅުވީ، މި ބޮޑު ބަދަލު ގެނައުމަށްޓަކައި ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.

"ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" – ރައީސް ނަޝީދު

އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށެވެ.

އަދި މި ބަދަލުތަކާ ގުޅޭ ގޮތުން އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެނައުމަށް މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގެންނެވުމަށް އެދިވަޑައިގެން ރައީސް ނަޝީދު ވަނީ ރައީސް މުއިއްޒުއަށް ވެސް ދައުވަތު އަރުވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަމަށާ، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މި ބޮޑު ބަދަލުގެ ވިސްނުމުގައި ކުރިއަށްދިއުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރައްވާނެ ކަމަށެވެ.

2028 ގައި ރައީސްކަމަށް ފައްޔާޒް ގެންނަން ތާއީދުކުރެއްވި ނަމަވެސް، ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވިކަން ވެސް ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު އާއި ރައީސް ނަޝީދު އެކުގައި މިފަހުން މަސައްކަތްކުރައްވަން ފެއްޓެވިތާ މިހާރު އަހަރެއްހާ ދުވަސް ވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ބޮޑު ބަދަލު" ގެ ގޮތުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ފައްޔާޒް ވަނީ ހުށަހަޅުއްވާފައެވެ.

ކޮމެންޓް