
މުޅިދުވަހު އުފަލުން ފޮޅިފައިހުރި އުލްޔާ ސްކޫލަށް ދިޔައިރުވެސް އޭނާގެ ތުންފަތުގައި ވަނީ ހިނިތުންވުމެވެ. ކްލާހަށްގޮސް ވަނީ ހިޔާލެއް ފިކުރެއްނެތި ހުރެއެވެ. މުޅި ކުލާހުގައި އެއްވެސް ކުއްޖަކު ފެންނަން ނެތުމުން އޭނާ ހައިރާންވިއެވެ. މީ އަނެއްކާ މިކްލާސް އެންމެން ނާންނަ ދުވަހެއްބާވައޭ ހިތަށް އަރާފައި ބަލާލެވުނީ ކުލާހުގެ ބޯޑަށެވެ. ދެލޯ ބޮޑުވެ އަންތަރީސްވީ ކުލާހުގެ ކަޅު ބޯޑުގައި 'ހެޕީ ބާރތްޑޭ އުލްޔާ ލަވް' އޭ ބޮޑު އަކުރުން، ހުދު ޗޯކުން ލިޔެ ފަވާލާފައި ވަށައިގެން އެކިކުލައިގެ ޗޯކުން މާތަކެއް ކުރަހާފައި ހުއްޓާ ފެނިގެންނެވެ. ދެން އޭނާ ސިއްސުވާލީ ޑެސްކްތަކުގެ ދަށުން ބަލަން ތިބެފައި ފުންމައިގެން އަޑުގެ ނެތްކޮޅަށް 'ހެޕީ ބާރތްޑޭ ޓު ޔޫ' އޭ ގޮވަމުން ކްލާސް ހުރިހާ ކުދިން ހޭން ފެށި އަޑަށެވެ. ލިބުނު ސިހުމާއި ގަތް ބިރު ފިލައި އެކުދިންނާއެކު އުލްޔާއަށްވެސް ބާރަށް ހޭން ފެށުނީ ވީ އުފަލުންނެވެ. މިއިން ޒަމާނަކު ނުލިބޭހާ ބޮޑު އުފަލެއް އެހިނދުކޮޅުގައި އޭނާއަށް އެކުދިން ވެގެން ދީފިއެވެ.
ދެން އޮތީ ފަހަރަކު ކުއްޖަކު އައިސް އުލްޔާއަށް 'ވިޝް' ކުރުމެވެ. ކުޑަ ކުޑަ ހަދިޔާއެކޭ ކިޔާފައި 'ޖޯކު ހައްޖަ' ގެނެސް އުލްޔާގެ ދެއަތްމަތީގައި ބެހެއްޓީ ނޫޑްލް ކޭހެކެވެ. ޑެސްކް މަތީގައި ބެހެއްޓުމަށްފަހު އެ ކަނޑަން އެންމެން ގޮވަން ފެށުމުން އުލްޔާ ބިރުވެސް ގަތެވެ. އެތެރެއިން ބުޅަލެއް ފުންމާލައިގެން އައިސްދާނެޔޭ ހިތަށް އެރުމުންނެވެ.
މާގިނައިރު ނުކޮށް ފޮށިގަނޑު ހުޅުވާލިއިރު އޭގައި ހުރީ ހުސް ކާއެއްޗިއްސެވެ. ހެދިކާ އާއި، ޖޫސްޕެކެޓްތަކާއި، ލުއިކާނާއާއި، ޗޮކްލެޓް އަދި ކިއްލި ޕެކެޓްތަކެވެ. ފޮށިގަނޑުގައި އެހެރީ އުލްޔާގެ ޕާޓީ ބެއްވުމަށް ހުރިހާ ކުދިން ދުރާލާ އެއްކުރި ސާމާނު ކަމަށް ނިޔާޒާއާއި ލިޔުޝާ ބުނެލިއެވެ. އެ ދެކުދިން ތިބީ އުލްޔާގެ ދެފަރާތުގައި ހެވިފައެވެ. އެހުރިހާ ކަމެއް ރާވާ ހިންގީ އެކުދިން ކަމަށާއި ކްލާސް ހުރިހާ ކުދިން އުލްޔާ ދެކެ ވަރަށް ލޯބިވާކަމަށްވެސް އެ ދެކުދިން ބުނެލިއެވެ.
ދިވެހި މުދައްރިސް ހަސަން ޝާކިރު ދުރުވެ އުލްޔާއަށް އުފާވެރި އުފަންދުވަހަކަށް އެދިލައްވައި ހެޔޮ ދުއާ ކުރެއްވިއެވެ. އެހިސާބުން ސަކަރާތްގަނޑު ނިންމާލާފައި އެންމެންވެސް އުޅެގަތީ އެދުވަހުގެ ފިލާވަޅުކަމަށްވާ ސިޓީ އޮނިގަނޑާއިގެންނެވެ. އުލްޔާއަށް ސިޓީބިޓީ އަލެއްނޫނެވެ. އޭނާ ގްރޭޑް 3 ގައި އުޅެމުން މަންމަގެ ކޮއްކޮ، އޭނާ ކިޔާގޮތުން ނަމަ އޭނާގެ 'ބޮޑު ކުޑަ' ރަމީޒުބޭގެ ގްރޭޑް 5 ގެ ދިވެހި ފޮތުން ސިޓީ އޮނިގަނޑު ހިތުދަސްކޮށްފިއެވެ.
އެއީ މަންމަ ލިޔާހެން ބައްޕައަށް ސިޓީ ލިޔެފައި ފޮނުވަން އޭނާ ބޭނުންވެގެންނެވެ.
އެދުވަހު ކްލާހުގެ ހުރިހާ ކުދިންގެ ތެރެއިން އެންމެ ކުރިން ސިޓީގެ އޮނިގަނޑު ލިޔެފައި ނުވިތާކަށް 'ލޯބިވާ މަންމައަށް' ސިޓީއެއް ލިޔެފައި މުދައްރިސަށް ފޮތް ދެއްކީ އޭނާއެވެ. އަދި މުދައްރިސް ސިޓީ ކިޔުއްވާފައި ބުނުއްވީ އުލްޔާއަކީ ލިޔުންތެރިކަމުގެ ހުނަރު ހުރި ކުއްޖެއްކަން މުދައްރިސަށް އެއްވެސް ޝައްކެތްނެތި ގަބޫލުކުރެވިއްޖެ ކަމަށެވެ. ޅެން ހަދަން ދަސްކޮށްދިން އިރުވެސް ޅެން ހެދުމުގެ ހުނަރު އުލްޔާގެ ކިބައިގައިވާކަމަށް މުދައްރިސް ބުނުއްވި ފަދައިންނެވެ. އެއީ ދުވަހުގެ އުފާވެރިކަމުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.
އިންޓަވަލް ގަޑީގައި ނިކަން އަތްމަތި އަވަސްކޮށްލާފައި ހުރިހާ ކުދިން ކްލާހުގެ ޑެސްކްތައް އެއްތާކަށް ގެންގޮސް އަތުރާފައި ވަށައިގެން ތިބެވޭހެން ގޮނޑިތައް އަތުރާލިއެވެ. އެއްކަލަ ފޮށިގަނޑުގައި ހުރި ސާމާނުތައް އަތުރާލާފައި މެދުގައި ހުސްތަނެއް ބެހެއްޓުމުން އުލްޔާ ހުރީ އެއީ ކީއްވެ ދޫކޮށްފައި ހުރި ހުސްތަނެއްކަން ނޭނގިފައެވެ. ސުވާލު ކޮށްލަން ވެގެން ބަލާލިއިރު ޖީޒާ އާއި މަރިޔަމް އަބޫބަކުރު އައިސް އެވަނީ ފިޔާތޮއްޓާއި ނޫކުލައިގެ ކުޑަ ކޭކެއް ހިފައިގެންނެވެ. ދެން ފޯރިގަނޑު ފެށުނީއެވެ. އެންމެން އެކީ ހެޕީ ބާރތްޑޭ ލަވަ ކިޔަމުން އުލްޔާ އަތަށް ދިން ވަޅިން އޭނާ ކޭކު ފެޅިއެވެ. ކޭކު ކޮށާފައި ކަރުދާސް ތަށި ތަކަށް އަޅަން ހަވާލުވީ މުޅި ކުލާހުގައި އުޅޭ 3 ހައްޖަގެ ތެރެއިން ހައްޖަ މުހައްމަދެވެ. އެއީ ސަކަރާތް ނުޖެހިޔަސް ވަރަށް ހަލުވި، ހީވާގި މުރާލި ކުއްޖެކެވެ. ކޭކު ތަށިތައް ހުރިހާ ކުދިންނަށް ބަހާ ނިންމާލީ ގާތްގަނޑަކަށް އެންމެ ދެ ތިން މިނިޓް ތެރޭގައެވެ.
އިންޓަވަލްގެ ބައިގަޑި ނިމުނު އިރު މުޅި ކްލާހުގެ ގޮނޑި މޭޒުތައް ކުރިން ހުރިގޮތަށް ބެހެއްޓީ އެންމެން ވެގެނެވެ. އެހާ އެއްބައިވަންތަ ކުދިންކޮޅެއް އަދި އެހާތަނަށް އުލްޔާ ދެކެފައި ނުވެއެވެ. ކުލާހުގައި ވަރުގަދަ ޕާޓީއެއް ބޭއްވިކަމުގެ ނިޝާނެއް، ކުނިކޮޅެއްވެސް ތަޅުންމަތީގައިވެސް ނެތެވެ. ކުނިކަހަން އެންމެ ފަރިތަވާނީ ޝަހީދާއޭ ބުނިއަޑާއެކު ޝަހީދާ ހުރީ އިލޮށިފަތި ނަގައިގެން އައިސް ކުނި ކަހާށެވެ. އެކަމާވެސް އުލްޔާއަށް ހެވުނެވެ. ޑްރާމާވެސް ބޮޑު ކުދިންކޮޅެކެވެ.
ގެއަށް ގޮސް ނޫނީ ނުކަނޑަން ބުނެފައި ނިޔާޒާއާއި ލިޔުޝާ ދިން ދެ ޕާރުސަލް އޮތީ ކަރުދާސް ކޮތަޅެއްގައެވެ. ސްކޫލުން ގެއަށް ދިޔައިރު އުލްޔާގެ އެއް އަތުގައި އެކޮތަޅު އޮތެވެ. ގެއަށް ގޮސް ވަތްއިރު، އިރުއޮއްސޭގަޑީގައި އެހެން ދުވަހު އޮންނަ ގޮތަށް އުނދޯލީގައި ރަޒީނައްތަ ނެތެވެ. މައްޗަށް އުލްޔާގެ ކޮޓަރިއަށް ދާން ސިޑިން އެރުމުގެ ބަދަލުގައި އޭނާ ގޮސް ބަދިގެ ތެރެއަށް ބޯދިއްކޮށްލީ އެހެންވެގެންނެވެ.
އުލްޔާއަށް ލިބުނު ޝޮކްގައި އަނގަމަތީގައި އަތް އެޅުނެވެ. ކާމޭޒު ކައިރީގައި އިށީނދެ އެތިބީ އޭނާގެ މަންމައާއި ބައްޕަ އަދި ރަޒީނައްތައެވެ. ބައްޕަގެ އުނގުގައި އޭނާގެ ލޯބި ލޯބި ހުމާކޮއްކޮ އެހެރީއެވެ. ކޮއްކޮގެ ތުއްތު ޗަބީ އަތުގައި ކުޑަ އާފަލުކޮޅެއް އޮތެވެ. ކޮއްކޮގެ ދެލޮލުގައި ވި ވިދުވަރު އިތުރުވީ އުލްޔާ ފެނިގެންނެވެ. 'އޮންތީ އޮންތީ' އޭ ގޮވަން ފެށީ ބައްޕަގެ އުނގުން ފައިބައިގަންނަމުންނެވެ. އުލްޔާ އަންތަރީސްވީ ކިރިޔާ ހިނގަން ދަސްވެގެން އުޅުނު ބޭބީ ހުމާކޮޅު ދުވަމުން އައިސް އޭނާގެ ދެފައިގައި އޮޅުލައިގަތުމުންނެވެ. އަދި ކޮއްކޮ އެހާދުވަސް ފަހުންވެސް އޭނާ ދެނެގަތުމުމުންނެވެ.
(ނުނިމޭ)




