
އުލްޔާގެ މަންމަވެސް ދެއަތް ފުޅާކޮށްލައިގެން އައިސް އޭނާގެ ގައިގައި ބައްދާލާފައި 'ދަރިފުޅަށް ހެޕީ ބާރތްޑޭ' އޭ ބުނެލިއެވެ. އެތައް ދުވަހަކަށްފަހު އުނިވެފައިވި މަންމަގެ ލޯބިވެތި ފިރުމުން ލިބިއްޖެއެވެ. ރަށު ގޭގައި އުޅެވުނު އުފާވެރި ދުވަސްތައް އަލުން އައިފަދައެވެ. ގޭގެ ބޮޑު ދޮރާށި ހުޅުވުނު އަޑު އިވިފައި ދެން އިވުނީ އުލްޔާގެ ކަންފަތަށް އާ އަޑެއްނޫނެވެ. ދުވަމުން އައިސް އޭނާގެ އަތުގައި ހިފެހެއްޓީ ޔުސްކޮއްކޮއެވެ. 'ދޮންތީގެ ބާރތްޑޭއަށް ޔުސް މިއައީ.. ދެން އުފާވޭ!' ފުރަތަމަވެސް އަޑުގެ ނެތްތަނަށް ގޮވާލިއެވެ. އުލްޔާއެކޭ އެއްގޮތަށް މިހާރު ޔުސްކޮއްކޮވެސް އެހެރީ ކުޑަކޮށް ދެމިލާފައެވެ. ޔުސްކޮއްކޮގެ އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. އުލްޔާގެ ހިނިތުންވުން ފުޅާވެ ދެލޮލުން ހުރީ ފެންއައިފައެވެ. އާނއެކެވެ. އޭނާއަށް އުފަލުންގޮސް ރޮވުނީއެވެ.
ރަޒީނައްތައާއި ބައްޕަވެސް ތިބީ އުފަލުން ހެވިފައި ބަލަހައްޓައިގެންނެވެ. އެކަމަކު އެތަސްވީރުގައި އޭނަގެ ބައްޕަގެ ބީރައްޓެހިކަން ވަރަށް ބޮޑޭ އުލްޔާގެ ހިތަށް އެރިއެވެ. ހަގީގަތަށް ފުރަގަސްދެވޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު ބައްޕަގެ ދެއަނބިން އެތިބީ އެއްތަނެއްގައެވެ. މަންމަ އެގެއަށް އެވަނީ އުލްޔާ ހުރީތީކަން ޔަގީނެވެ. މަންމަގެ ހިތަށް ކުރާނެ އަސަރު އުލްޔާއަށް އިހުސާސްވެއެވެ. އެކަން ރޭކާނުލާނީ އޭނާގެ ކުޑަ ދެކޮއްކޮއަށްތާއެވެ. އުލްޔާ ބަސްހުއްޓިފައި ހުރެ ވަކިވަކިން ބޮޑެތި މީހުންނަށް ބަލަމުން ގެންދިޔައެވެ.
ދެން ފެނުނީ ސަލްމާން އައިސް ވަތްތަނެވެ. އަތުގައި އޮތް ކޮތަޅުން ޓޮފީއެއް ނަގާފައި ޔުސްކޮއްކޮއަށް ދިނުމުން 'ދަ ހެޕީ ޖޮލީ' ޔުސްކޮއްކޮ 'ތެންކިއު' އޭ ގޮވާލީވެސް އެހާ ބާރަށެވެ. ޔުސްކޮއްކޮގެ އުފާވެރިކަމާއި ސަކަމިޒާޖަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަލަށް ފެނުނު މީހުންނާވެސް އެހެރީ އެހާ އަވަހަށް ގާތްވެ ރައްޓެހިވެފައެވެ. އެއައީ މާނުއާ އެކީ ބައްޕަގެ ފިހާރައަށް ގޮސްފައެވެ.
'ދަރިފުޅު އަންނަންވީނު ޔުނީފޯމް ބަދަލުކޮށްގެން ކާން.. މަންމަމެން ތިބޭނަން މިތާ... ހަވީރު ފްލައިޓުން އައީ... އަށެއް ޖަހަން ކައިރިކޮށްފަ ދާނީ. ކޮއްކޮމެން ނިދަންވެސް ވާނެނު ދޯ.' މަންމަ ބުނެލިއެވެ.
'ދޮންތީގެ ރޫމަށް ޔުސްކޮއްކޮ ދާނަން' އެއީ ހަމަ ސީދާ ޔުސްކޮއްކޮ ބޭނުންވާނެ ގޮތްކަން ކުރިންވެސް އުލްޔާއަށް އެނގުނެވެ. އެއީ ދެކުދިންނަށް އެކަނިވެލަން ލިބޭނެ ވަގުތުކޮޅަކަށްވެސް ވާނެއެވެ. ހުމާކޮއްކޮގެ ކޮލަށް ދޮނެއް ދީފައި 'އޮންތީ' މިއަންނަނީއޭ ބުނެފައި އޭނާ ޔުސްކޮއްކޮގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އެރިއެވެ. ކުޑަކޮށް ފަހަތް ބަލާލިއިރު މާނު ހުރީ ހުމާކޮއްކޮ ކައިރިއަށް ތިރިވެ ކޮންމެވެސް ޗުކުޗުކެއް ލައްވާށެވެ.
އުލްޔާއާއި ކޮއްކޮއަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކު 'ވާއު ސަޅި' އޭ ކިޔާފައި ޔުސްކޮއްކޮ މުޅިތަން ވަށާ އެނބުރިލިއެވެ. 'ދޮންތި އުޅޭ ކޮޓަރި ވަރަށް ރީތި... ދޮންތި މިސްވާ ވަރުން ޔުސްކޮއްކޮއަށް ރޮވޭ... ހިނގާ އަލުން ރަށަށް ދާން...' އެހިސާބަށް ބުނެވުމާއެކު ބަޑިފަޅައިގެންގޮސް ޔުސްކޮއްކޮއަށް ރޮވިއްޖެއެވެ. ހިންދާލައިގެން އެތައް ދުވަހަކު ކެތްކޮށްގެން ކޮއްކޮ އެހެރީ އުލްޔާ ނުފެނިފައެވެ. ތިންބެއިން އެކުގައި ދިރިއުޅެމުން އައި އުފާވެރި ގެއިން ދޮށީ ދަރިފުޅު ވަކިކޮށްގެން ގެނެސް ބައްޕަ އެހެރީ ވަކި ކޮން އުފަލެއް ލިބިގެންބާވައެވެ... ހިތުގައި ހިނގައިގަތް ޝަކުވާތަކާއެކު އެކީގައި ދެބެއިންގެ މެދުގައި އުތުރިގަތް ލޯބިން މުޅި ކޮޓަރި ތެރޭގައި އުފެދުނީ ވަރުގަދަ އުދާހެކެވެ. ކިޔަވާ މޭޒުމަތީގައި ދަބަހާއި، ދެއެކުވެރިން ދިން ހަދިޔާ ކޮތަޅު ބޭއްވުމާއެކު އުލްޔާ ގޮސް ކޮއްކޮ މެޔާލާ ބޮނޑިކޮށްލައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. ކެތްތެރިކަމެއް ނެތް އޭނާގެ ކޮއްކޮ ރުއްސަން ކުރެވޭނެ ކަމެއް ނެތް ހާލުގައެވެ. ހިތުގައި ފޮރުވައިގެން ހުރި ހިތާމަ އެއްވެސް ފޮރުވުމެއްނެތި ކޮއްކޮ އޭނާގެ ކުރިމަތީގައި ހާމަކޮށްލިއަސް އޭނާ ޖެހޭނީ ކެތްކުރާށެވެ. ރަށުން ފުރައިގެން އައިއްސުރެ ހިތުގައިވި ނިމުމެއްނެތް ގިލަންވެރިކަމުގެ މައްޗަށް ވިސްނުން އިސްކުރުން ނޫން ގޮތެއް އެވަގުތުވެސް އުލްޔާއަކަށް ނެތެވެ. ކޮއްކޮއަށް ވިސްނައިދޭން އެހިނދު ބުނާނެ އެއްޗެއް ނޭނގުމުން ކޮއްކޮގެ ބުރަކަށީގައި ފިރުމަމުން ދިޔައީއެވެ.
'ދޮންތި ދެން މާލެއިން އެއްކޮށް ރަށަށް ދިޔައިމަ ސްކޫލަށްވެސް ނުވަދެވޭނެނު ކޮއްކޯ. ދޮންތި އަމިއްލައަށްނު އެސްކޫލުން ވަކިވީވެސް... ދޮންތި ބޮޑު ޗުއްޓީ ނައިސްގެނޭ މިހިރީ ކޮއްކޮމެން ކައިރިއަށް ދާން.. އޭގެކުރިން ޔުސް ތިއައީ... ދޮންތި ވަރަށް ވަރަށް ލޯބިވެޔޭ ޔުސް ދެކެ... ތީ އަސްލު ދޮންތިގެ ބެސްޓީ ފޯރ ލައިފްއޭ... ކޮންމެ ތާކުވިޔަސް އަބަދުވެސް ދޮންތިގެ އެންމެ އެންމެ ބެސްޓް ފްރެންޑަކީ ޔުސްއަށޭ ވާނީ.. ދެން ހުއްޓާލާ ނުރޮއި. ދޮންތި ކަހަލަ ހިތްވަރުގަދަ ކުއްޖެއްނު ތިވެސް ދޯ.... އޭރަށް ޑިނަރ ނަގަން ތިރއަށް ދެވޭނީވެސް.. ދޮންތި ވަރަށް ބަނޑުހައި.'' އުލްޔާގެ ވާހަކަ އަޑު އަހާފައި މަޑުމަޑުން ޔުސްރާ ރުއިން ހުއްޓާލިއެވެ. އުލްޔާ ދިއްކޮށްލި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާފައި ލޮލާއި ނޭފަތް ފޮހެލިއެވެ.
އުލްޔާ ޔުނީފޯމް ބަދަލުކޮށްލާ، ދެކުދިން އެކުގައި ވުޝޫކޮށްގެން ޔުސްކޮއްކޮވެސް އުލްޔާގެ ކުޑަ ބުރުގާއެއް އަޅައިގެން އޭނާގެ ދޮންތިއާއެކު މައުރިބް ނަމާދު ކުރިއެވެ. އެކުދިން ތިރިއަށް ފޭބިއިރު އިޝާއަށް ގޮވާ އަޑު އިވެއެވެ. އެހެންޏާ އިޝާވަގުތުގެ ކުރިން އުލްޔާ ސްކޫލުން އައިސް ރޭގަނޑުގެ ކެއުން ކައި ނިންމާލައެވެ. މިރޭ މިވީ ތަފާތު ގޮތެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ކަމެއް ހިނގާ ނިމިއްޖެއެވެ.
(ނުނިމޭ)




