ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 33
މ ޝ 10 މޭ 2026 (އާދީއްތަ)   06:02
...އެހެންޏާ އިޝާވަގުތުގެ ކުރިން އުލްޔާ ސްކޫލުން އައިސް ރޭގަނޑުގެ ކެއުން ކައި ނިންމާލައެވެ. މިރޭ މިވީ ތަފާތު ގޮތެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ކަމެއް ހިނގާ ނިމިއްޖެއެވެ.

(ކުރީ ހަފްތާއާ ގުޅޭ)

އުލްޔާމެން ބަދިގެއަށް ވަތްއިރު މަންމަ ހުރީ ހުމާކޮއްކޮއަށް ކާންދޭށެވެ. ބައްޕައާއި ރަޒީނައްތަ ކަނީއެވެ. މާނު ފެންނާކަށްނެތެވެ. އުލްޔާއާއި ޔުސްރާއަށް ވެސް ދެ ތަށި ނަގާފައި ހުއްޓެވެ. ދެކުދިން އެކީގައިގޮސް ޖެހިޖެހިގެން ހުރި ދެގޮނޑީގައި އިށީނދެ އުލްޔާ އޭނާގެ ކޮއްކޮގެ ތައްޓަށް ބަތާއި އަލުވިރިހަ އަދި ތެލުލި ކުކުޅު ފައި ލާދިނެވެ. ކޮށާފައި ހުރި ތަރުކާރީ ތަށިން ކޮއްކޮ ބޭނުންވާނީ ހަމައެކަނި ކެރެޓްކަން އެނގޭތީ ޔުސްގެ ތައްޓަށް ލީ ހަމައެކަނި ކެރެޓެވެ. އޭރުވެސް ޔުސްގެ މޫނުމަތި ހުރީ މިލާފައެވެ. އެންމެ ފުރަތަމަ އެރޭ އުލްޔާ ފެނިގެން އެލިބުނު އުފާވެރިކަމުގެ ނިޝާނެއް އެކުއްޖާފުޅުގެ ކިބައިގައި މިހާރަކު ނެތެވެ.

ޔުސްރާއަށް ވެފައިހުރި ގޮތް ދެނެގަތީ އެކުދިންގެ މަންމައެވެ. ' ދަރިފުޅު ދޮންތައާ ތޮޅުނީތަ؟ ކިހިނެއްވެފަ ތިހިރީ؟ ދެރަވެފަތަ؟' ސަމީރާ ލޯބިން ޔުސްރާއާ ސުވާލު ކުރިއެވެ.

ބައްޕައާއި ރަޒީނައްތަވެސް ކެއުން ހުއްޓާލައިގެން ތިބީ އެހަތަރު މައިންނަށް ނަޒަރު ހުއްޓާލައިގެންނެވެ.

'މަންމާ.. ވަރަށް ގިނަ ދުވަސްކޮށްފައި ދޮންތީ މިފެނުނީ.. އެހާ އަވަހަށް ދާންވީމަ ޔުސް ދެރަވީ... ޔުސްގެ ހުންނަނީ އެންމެ ދައްތައެކޭ.. ހުމާކޮއްކޮ ނުވާނެ ދެރައެއް... ހުމާކޮއްކޮ ވަރަށް ލަކީ... ދެދައްތަ ލިބިފަ އެހެރީ..' ތުންއޫކޮށްގެން ހުރެ ޔުސްރާ އެވާހަކަ ދެއްކީ އެކަކުވެސް ހެއްވާކަށް ނޫނެވެ. އެކަމަކު މޭޒުދޮށުގައި ތިބި އެންމެންގެ ހިނިގަނޑު ފަޅަފަޅައިގެންދިޔައެވެ. އެންމެން ހޭތީވެ މަޖާވެގެން ހުމާކޮއްކޮވެސް އަތްއަތްޖަހަޖަހާފައި ހެނީއެވެ. މަންމަ ތެދުވެގެންގޮސް ހުމާކޮއްކޮގެ ތުންދޮއްވައިގެން އެނބުރި އައިސް އިށީނދެ މަންމަގެ ތައްޓަށް ކާއެއްޗެހި އަޅައިގެން ކާންފެށިއެވެ. ހުމާކޮއްކޮ އެތާ ކައިރީގައި ދެއަތް ފުރަގަހަށް ލައިގެން ހުރެ ދެކޮޅަށް ހިނގަމުން ދިޔައިރު އެއްވެސް އެއްޗެއްގައި އަތެއްނުލައެވެ. ހަމައެކަނި ކައިރިއަށްގޮސް ލޮލުން ބަލަނީއެވެ. ކުޑަކޮއްކޮގެ އެހެރީ އުލްޔާގެ ހުންނަ ކަހަލަ މިޒާޖެކެވެ. ނުދަންނަ ތަންތަނުގައި ހުންނަ އެއްވެސް އެއްޗެއްގައި އުލްޔާ ކުޑައިރު އޭނާވެސް އަތްލާ ނޫޅެއެވެ.

'ބައްޕަ ތިކުދިން އެއްތަންވީމަ ބުނަން މަޑުކުރީ.. ދެން މަންމައާ ތިންކުދިން އުޅޭނީ މާލޭގަ.. މިގެއާ ކައިރި ގެއެއްގައި ހުރި ދެކޮޓަރީގެ އެޕާޓްމަންޓެއް އެހެރީ ބައްޕަ ކުއްޔަށް ނަގާފައި. ބައްޕަ ބޭނުމީ އަބަދުވެސް ހުރިހާ ކުދިން އެކުގައި އުޅޭތަން ދެކެން.. ރަޒީނައްތައާވެސް ގުޅިގެން ތިކުދިންނާ މަންމަ އުޅުން ބައްޕަ އެދެނީ.. ' އެރޭ ބައްޕަ ވަރަށް ހިތްވަރުކޮށްފައި ދައްކަންފެށި އެ ވާހަކަ ހުކުރު ޚުތުބާއެކޭ އެއްވަރުވެދާނެއޭ ހީކޮށްގެން އުލްޔާ ހުއްޓާ ބައްޕަ ތަންކޮޅެއް ކުރުކޮށް ނިންމާލިއެވެ.

އެކަމަކު އޭނާގެ 12 ވަނަ އުފަންދުވަސް ހާއްސަވީވީނުންގޮސް މިހާރު ހައްދުންމަތިވެއްޖެއޭ އުލްޔާގެ ހިތަށް އެރިއެވެ. މާލޭގައި ދިރިއުޅެން އެއްވެސް ޝައުގުވެރިކަމެއް ނުހުންނަ އޭނާގެ މަންމަ މާލެ ބަދަލުވާން އެނިންމީ އޭނާގެ ރިޒަލްޓް ދަށްވީމަބާވައެވެ. އެހެނަކުން ނުވާނެއެވެ. މަންމަ އެހާ ކުއްލި ގޮތަކަށް ކޮއްކޮމެން ގޮވައިގެން އަންނާނީ ހިތާ ދެކޮޅަށްކަން އޭނާއަށް ހަމަ ޔަގީނެވެ. އަނެއްކޮޅުން މާމައާއި ކާފަ ދޫކޮސްލާފައި މަންމަ އެހެން އަންނާނީ ކޮންމެވެސް ބޮޑު ސަބަބެއް އޮތީމައެވެ. މަންމަގެ މަޖުބޫރީއަކީ އަނެއްކާ ކޮންކަމެއް ބާވައެވެ.

ބައްޕަ ރަޒީނައްތައާ ކައިވެނިކުރަންވެސް ޖެހުނީ ކޮންމެވެސް މަޖުބޫރެއް އޮވެގެން ކަމަށް އޭނާގެ ޟަމީރު ބުނެއެވެ. ސުވާލުތައް ގިނަވީ އޭނާގެ ހިތާއި ސިކުނޑީގައެވެ. ދުލުން އެސުވާލުތައް ބޭރުކޮށްލާކަށް ނުކެރުނެވެ. އޭނާ އަދިވެސް ކުޑަވީމައެވެ. އަބަދުހެން އިވެނީ ބޮޑެތި މީހުން ނިންމާ ނިންމުންތައް ރަނގަޅުވާނެކަމަށް ބުނާ އަޑުވިއްޔާއެވެ. އޭނާ މައިންބަފައިން ދެއްކި މަގުން އައިސް އެހެރަ ހިސާބުން އަނެއްކާވެސް ކުރިއަށް ދާނީއެވެ. އޭނާއަކީ ބަސްއަހާ ބަސް ގަބޫލުކުރާ ކުއްޖެއްވިއްޔާއެވެ.

ބައްޕަގެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޔުސްކޮއްކޮވެސް ހުރީ ބަސްހުއްޓިފައެވެ، އެކަމަކު ކެއުން ކުރިއަށް ގެންދިޔަ ގޮތުން ޔުސް ހުރީ ބަނޑުހައިވެފައިކަން އުލްޔާއަށް އެނގުނެވެ. އަނގައިން ބަހެއް ނުބުނެ ހުރެ ކަމުން ދިޔައިރު އެހެރީ ވަރަށް އުފަލުންނެވެ. ނިމިގެން ޖޫސްތަށިވެސް އެއްކޮށް ބޯލިއެވެ. އުލްޔާ ކައިރިއަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އަނެއްކާ މީ ޔުސްކޮއްކޮއާ ހެދި މަންމަ ނިންމި ނިންމުމެއްބާވައެވެ.

'އާނ.. އުލްޔާގެ ކިޔެވުން ދަށްވީމަ ރަޒީނައްތަވެސް ވަރަށް ދެރަވި. މަންމައާއި ކޮއްކޮމެންނާ ދުރުގަ ހުރެ ކިޔަވަމުން ދައްތައަށް އުލްޔާ ވަރަށް އެހީތެރިކަން ދިން. ސަމީރާގެ ދަރިފުޅަކީ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. ސަމީރާގެ ތަރުބިއްޔަތު ވަރަށް ރަނގަޅު. ދައްތަ ވަރަށް ލޯބިވޭ އުލްޔާ ދެކެ. އެކަމަކު މަންމައާއެކީ އުޅެން އެގެއަށް އުލްޔާ ބަދަލުވާން ބޭނުމިއްޔާ ދައްތަގެ އެއްވެސް މައްސަލައެއް ނެތް. އުލްޔާ ބޭނުން ގޮތެއް ނިންމާނީ.. ' ރަޒީނައްތަގެ ސްޕީޗްވެސް އުލްޔާ ހީކުރި ވަރަށް ވުރެން ކުރެވެ.

'އުލްޔާ މަޑުކުރާނީ އިހަށް ދައްތައަށް އެހީވާނެ މީހަކު މިގެއަށް ގެނެވެންދެން.. ދައްތަ ޕްރެގް އިރު އެކަނި ހުރިހާ ކަމެއް ނުވާނެ.' އުލްޔާ އޭނާގެ ފުރުސަތުގައި އޭނާގެ ހިތުގައި އޮތްގޮތަށް ބުނެލިއެވެ.

އަށެއް ޖަހަން ދިހަ މިނިޓަށް ވުމުން މަންމައާއި ކޮއްކޮމެން ގޮވައިގެން ބައްޕައާއި އުލްޔާ ނުކުތީ މަންމަމެން ދިރިއުޅެން ބައްޕަ ހޯދި އެޕާޓްމަންޓަށް ދިއުމަށެވެ. މަގުމަތީގައި ދުއްވާ އެއްޗިހި ވަރަށް މަދެވެ. ބައިސްކަލެއްވެސް ފެންނާކަށް ނެތެވެ. ހުމާ ކޮއްކޮވެސް ބޭނުންވީ އެންމެން ދާހެން ހިނގާލާފައި ދާށެވެ. އެހެންވެ ކޮއްކޮގެ ދެއަތުގައި ހިފަހައްޓާލައިގެން ދެފަރާތުގައި ތިބެ އޭނާގެ މަންމައާއި ބައްޕަ ހިނގައިގަތްއިރު އޭނާއާއި ޔުސްކޮއްކޮ ދިޔައީ އެތިންމައިންގެ ފަހަތުންނެވެ. ހިތްގައިމު އުފާވެރި މަންޒަރެކެވެ. އުލްޔާގެ ފުރިހަމަ އާއިލާއެވެ. މިއީ އޭނާ ދެކެން ބޭނުންވި މަންޒަރެކެވެ. ހުވަފެނެއް ހަގީގަތެއްގެ ގޮތުގައި ލޯކުރިމަތީގައި ފެންނަމުން ދަނީއެވެ. އޭނާ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.

(ނުނިމޭ)

ކޮމެންޓް