
3 ވަނަ ޓާރމްގެ ކިޔެވުން ފެށުނު ދުވަހަކީ އިއްތިފާގުން އުލްޔާގެ އުފަންދުވަހެވެ. އޭނާގެ ބާރަވަނަ އުފަންދުވަހެވެ. ހެނދުނު ހޭލައިގެން ރީތިވެލައިގެން ތިރިއަށް ފޭބިއިރު ބަދިގޭގެ ކާމޭޒުމަތީގައި ކުޑަ ކޭކެއް ހުއްޓެވެ. ކޭކުގައި ވަށައިގެން ވަނީ ރަތްކުލައިގެ ސައިމާތަކެކެވެ. މެދުގައި 'ހެޕީ ބަރތްޑޭ އުލްޔާ' އޭ އޮތީ ރަންކުލައިންނެވެ. އުލްޔާ ހައިރާންވެގެން ކޭކަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ހަޔާތުގައި އެހާތަނަށް އަދި އުފަންދުވަހުގެ ކޭކެއް ލިބިފައިނުވާތީއެވެ. ރަށުގައި އުޅުނުއިރު ގްރޭޑް ފަހެއްގައި އެކީ އުޅުނު ހުދާގެ އުފަންދުވަހު އެގޭގައި އޮތް ހަވީރުގެ ސައި ޕާޓީއަށް އޭނާ ދިޔައެވެ. އެދުވަހު އޭނާގެ ހިތަށް އެރީ އުފަންދުވަސް ފާހަގަކުރަނީ މުއްސަނދިންކަމަށެވެ. އޭނާގެ އުފަން ތާރީހު އެނގުނަސް އެއީ ދުވަހަކުވެސް އެއްވެސް މީހަކު ފާހަގަކުރި ދުވަހެއްނޫނިއްޔާއެވެ.
ހިޔާލީ ދުނިޔޭގައި ރަށުގައި ހުދާމެންގޭގެ ޕާޓީ ތެރޭގައި އޭނާ ހުއްޓާ ގޭތެރެއިން އިވުނީ ރަޒީނައްތައާއި އޭނާގެ ބައްޕައާއި މާނު އަދި މާނު މަންމަގެ އަޑެވެ. އެންމެން އެކީ އޭނާއަށް 'ހެޕީ ބަރތްޑޭ' އޭ ކިޔަމުން ހެވިދިލިފައި ތިބެ ކައިރިއަށް އައީއެވެ. ކޮންމެ މީހެއްގެ އަތުގައި ނޫކުލައިގެ ކަރުދާހުން ވާ ޕާރުސަލެއް އޮތެވެ. އުލްޔާ ހުރީ ރަކިވެފައެވެ. ބަސްހުއްޓިފައެވެ. ބަދިގޭ ކަބަޑަކުން އުއްބައްތި ގެނެސް ކޭކުގައި ޖަހާފައި ކޭކު ފަޅާނެ ވަޅިއާއި ކޭކު އަޅާނެ ކަރުދާސް ތަށިތައްވެސް ރަޒީނައްތަ މޭޒުމަތީގައި އަތުރާލިއެވެ. މާނުގެ މަންމަ އުއްބައްތި ކޭކުގައި ޖެހުމަށްފަހު ލައިޓަރުން ރޯކުރިއެވެ. ކަންތައް ކުރަންވީގޮތް ކިޔާދިނީ މާނުއެވެ.
'ބަލަން ނުހުރެ ކެނޑްލްއަށް ފުމޭނީ. ދެން ކޭކު ފަޅާނީ މިއޮތް ވަޅިން.. ދެން އަހަރެމެން ކޮންމެ މީހަކަށް ކޭކު ފޮއްޗެއް ދޭނީ. ކޭކު ކާހިތުން މަވެސް ...' މާނު އެހާސަރު ދަމާފައި ބަނޑުގައި އަތް އުނގުޅަން ފެށިއެވެ.
އުފަލުން މަންޒަރު ބަލަން ހެވިފައި ހުރި އޭނާގެ ބައްޕައާ ދިމާލަށް އުލްޔާ ބަލާލިއެވެ. މަންމައާއި ކޮއްކޮމެންނާ ނުލާ އަނެއްކާވެސް އޭނާއަށް ހަޔާތުގެ އާބާބެއް ފަށައިގަނެވުނު ދުވަހެކެވެ. އުފަންދުވަހެއް ފާހަގަކުރަން މިޖެހުނީ އޭނާ އެންމެ ލޯބިވާ މީހުންނާ ވަކިންހުރެއެވެ.
ﷲއަށް ވަކީލުކޮށްލާފައި މާނު ބުނިހެން އުއްބައްތިއަށް އޭނާ ފުމެލިއެވެ. އޭރު އެންމެން 'ހެޕީ ބަރތްޑޭ' ލަވަ ރާގަކަށް ކިޔައެވެ. ދެން އޭނާ ތުރުތުރުއަޅާ އަތަކުން ކޭކު ފަޅާލިއެވެ. އަދި ތަށިތަކަށް ފަހަރަކު ކޭކު ފޮއްޗެއް އަޅަމުން އެންމެނަށް ބެހިއެވެ. އެންމެން ކޭކު ކާން ފެށިއިރު އޭނާއަށް ޖެހުނީ ޕާރުސަލްތައް ކަނޑާށެވެ.
ބައްޕަގެ ޕާރުސަލްގައި އޮތީ ރިހިކުލައިގެ ވަރަށް ރީތި ގަޑިއެކެވެ. ރަޒީނައްތަގެ ޕާރުސަލްގައި އޮތީ ރަތްކުލައިގެ ލޭސްފޮއްޗާއި ސެޓިންފޮތީގެ ލޯބި ހެދުމެކެވެ. މާނުގެ ޕާރުސަލްގައި އޮތީ ޑައިރީ ލިޔާ ފޮތެކެވެ. ފޮތުގެ ބޭރުގައި ބޮޑުކޮށް 'އުލްޔާ' ލިޔެފައި އޮތެވެ. މާނުގެ މަންމަ ދިން ޕާރުސަލްގައި އޮތީ ގަހަނާ ސެޓެކެވެ. އޭގައި އޮތީ ކަރުގައި އަޅާ ރިހި ފަށަކާއި، ކަންފަތުލާ މުދި ސެޓަކާ، އަނގޮޓިއަކާއި ކެވެލި ކޮޅެކެވެ. ކޮންމެ ހަދިޔާއެއް ކަނޑާފައި އެދިން މީހަކަށް އޭނާ ޝުކުރު އަދާކުރިއެވެ. އުލްޔާ ހުރީ ވަރަށް އުފަލުންނެވެ. ކޭކު ކޭއިރު އެއީ އޭނާ މިހާތަނަށް ނުކާ ކަހަލަ މީރު ރަހައެއް ލާ ކޭކެކެވެ.
'ރޭގަ ހޭލާ ތިބެ މާނުމެން އެޅި ކޭކެކޭ ތީ... މީރުވާނެނު... ޑިޒައިން ކުރީވެސް މާނު. އެހެންވެ އެހާ ރީތީ...' މޭގަ އަތްޖަހާލަމުން އެއްކަލަ މާނު ފޮނިވެގަތެވެ.
'އާނ. މަންމަ ކޭކު ފިހެ އައިސިންޖަހާ ހުރިހާ ކަމެއް ކުރީ... ކަންބަލަން އަނގަތަޅަން މާނު ހުރީ..' މާނުގެ މަންމަ ހެމުން ކިޔާލިއެވެ. އޭރު އެންމެންތައް މާނުއަށް ޖެއްސުމަށް އަޑުގަދަކޮށްފައި ހެނީއެވެ.
މާނު ހުރި ތަނެއްގައިވިއްޔާ ސަކަރާތްގަނޑެއް ހިންގާނުލާ ނުހުރެވޭނެއެވެ. އެގެއަށް މާނު ނާންނަ ނަމަ އުލްޔާއަށްވެސް މާނު އަންނާނެ އިރަކަށް އިންތިޒާރުކުރެވެނީ އެހެންވެގެންނެވެ.
ކޭކު ކައިގެން އުލްޔާއާއެކު ރަޒީނައްތަވެސް އަވަސްވެގަތީ ހެނދުނުގެ ސައި ތައްޔާރު ކުރުމަށެވެ. މާނުއާއި އޭނާގެ މަންމަ ގެއަށް ދިޔައީއެވެ. އުލްޔާގެ ހަދިޔާތައް ގެންގޮސް ކޮޓަރިއަށް ލާފައި އޭނާގެ ބައްޕަ އައިސް ސައި ހަދަން އެހީތެރިވުމުގެ ގޮތުން މޭވާ ކޮށަން ފެށިއެވެ.
އުލްޔާގެ ހިތަށް އެރިއެވެ. ބައްޕަ ވަރަށް ބަދަލުވެއްޖެއެވެ. ރަށުގައި އުޅުނު އެއްވެސް ފަހަރަކު ގޭތެރޭގެ އެއްވެސް މަސައްކަތެއްގައި އެހީތެރިވާން ބައްޕަ އުޅުނު ތަނެއް އޭނާ ދެކެފައިނުވެއެވެ. މިހާރު އެގޭތެރެގެ އެކިކަންތަކުގައި އުޅުމުގެ އިތުރުން އޭނާގެ ބައްޕަ ބަސްމަދު، މަޑުމައިތިރި މީހަކަށް ބަދަލުވެއްޖެއެވެ. ރަށަށް އަހަރީ ޗުއްޓީއަށް ގޮސް އުލްޔާގެ މަންމައާއެކު މަޖާކޮށް ވާހަކަދައްކާ ހީހަދާފައި އުޅުނު ބައްޕަ އެއީ މިހާރު އެހެން މީހެއްފަދައެވެ. މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ހީވަނީ އޭނާގެ މަންމައަށް ސިއްރުން ދެވަނަ ކައިވެންޏެއް ކުރެވުމުގެ ހިތި އިހުސާސް ބައްޕައަށް ކުރެވެން ފެށީހެނެވެ. މަންމަގެ ކައިރިން ބައްޕަ މައާފަށް އެދުނު ބާވައެވެ. އަނެއްކާ އެއީ މައާފަށް އެދެންޖެހޭނެ ކަމެއްބާވައެވެ. އުލްޔާގެ ސިކުނޑީގައި ސުވާލުތައް ގިނަވާން ފެށުމުން އޭނާ އެކަން ކޮންޓްރޯލް ކުރިއެވެ. ބޮޑެތި މީހުންގެ ބޮޑެތި ނިންމުންތަކުގެ އެއްވެސް ކަމެއް ކުޑަކުދިންނަށް އެނގޭކަށް ނުޖެހޭނެ ތޯއްޗެކެވެ.
މާނު އެއްދުވަހު އުލްޔާގެ ކައިރީގައި އުލްޔާ މާލެ އައީ ކިއްވެތޯ އެހުމުން އުލްޔާ ބުނީ މާނުއާ ދިމާވޭތޯ އައީ ކަމުގައެވެ. އެފަހުން މާނު އެވާހަކަ ނުދައްކައެވެ. އުލްޔާ އެކަންތައް ހިއްސާކުރަން ބޭނުން ނުވަންޏާ އޯކޭއޭ ބުނެފައި ހުއްޓާލީއެވެ.
(ނުނިމޭ)




