
އުމުރުން 65 އަހަރުގެ ކުކް ގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރަން ނިންމާފައިވަނީ އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާ އުމުރުން 50 އަހަރުގެ ޖޯން ޓާނަސްއާ އެވެ.
ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް 2011 ވަނަ އަހަރު މަރުވުމުން ސީއީއޯގެ މަގާމާ ހަވާލުވި ކުކް، ސެޕްޓެމްބަރު 1 ވަނަ ދުވަހާ ހަމަޔަށް މަގާމުގައި ދެމިހުންނާނެ އެވެ. އަދި އޭގެ ފަހުން އެޕަލްގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައި އޭނާ ދެމިހުންނާނެ އެވެ. މިއީ އެމެޒޯންގެ ޖެފް ބޭޒޯސް އަދި ނެޓްފްލިކްސްގެ ރީޑް ހޭސްޓިންގްސް، އެ މީހުންގެ ކާމިޔާބު ސީއީއޯކަން ނިންމާލުމަށްފަހު ކަންކުރި ގޮތާ އެއްގޮތް ބަދަލެކެވެ.
މި އާ މަގާމުގައި ކުކް ކުންފުނީގެ ދިގުމުއްދަތުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނެ އެވެ. އެޕަލްއިން ބުނި ގޮތުގައި މިއީ ވަރަށް ކުރިއްސުރެ ރޭވިގެން ކުރިއަށްދާ ބަދަލެކެވެ.
"އެޕަލްގެ ސީއީއޯގެ ގޮތުގައި ހުރުމާއި، މިފަދަ އާދަޔާ ހިލާފު ކުންފުންޏެއް ކުރިއަށް ގެންދިއުމުގެ އިތުބާރު ލިބުމަކީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު،" ކުކް ނެރުނު ބަޔާނެއްގައި ބުންޏެވެ. "އަހަރެން މުޅި ހިތުން އެޕަލްދެކެ ލޯބިވަން. އަދި މިފަދަ ހުނަރުވެރި، އީޖާދީ، އަދި އޯގާތެރި ޓީމަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން."
ކުކް އެޕަލްއާ ގުޅުނީ 1998 ވަނަ އަހަރު އެވެ. އޭނާ ވަނީ ކުންފުނީގެ އެކި މަގާމުތައް ފުރައި، ޗީފް އޮޕަރޭޓިން އޮފިސަރުގެ ގޮތުގައި ކުންފުނީގެ އުނދަގޫ ސަޕްލައި ޗެއިން މެނޭޖްކުރުމުގައި އެހީތެރިވެ، ކުންފުނީގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެޕަލްގެ އުފެއްދުންތައް ތައްޔާރުކުރާ މައި މަރުކަޒަކަށް ޗައިނާ ހެދުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ޓިމް ކުކް އެވެ. އޭނާ އެކުލަވާލި މި ސްޓްރެޓީޖިކް ރޭވުމުގެ ދަށުން، ގިނަ އަދަދެއްގެ އައިފޯންތައް އެސެމްބުލްކޮށް، ފިނިޝިންގް މަސައްކަތްތައް ކުރަނީ ފޮކްސްކޮން އާއި އެހެން ސަޕްލަޔަރުން ޗައިނާގެ ފެކްޓްރީތަކުގަ އެވެ.
ކުކްގެ ދައުރުގައި އެޕަލްއަކީ 1 ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ވި ފުރަތަމަ ކުންފުންޏެވެ. އަދި ފަހުން ކުންފުނީގެ އަގު ވަނީ 4 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފަ އެވެ.
ކުކްގެ ބަދަލުގައި ސީއީއޯގެ މަގާމާ ހަވާލުވާ ޓާނަސް އެޕަލްގައި މަސައްކަތް ކުރާތާ 25 އަހަރު ވެއްޖެއެވެ. މީގެ ތެރެއިން ފާއިތުވި ފަސް އަހަރު އޭނާ ހޭދަކުރީ އައިފޯން، އައިޕެޑް އަދި މެކްގެ އިންޖިނިއަރިން މަސައްކަތްތައް ބެލެހެއްޓުމުގައެވެ. މިއީ ކުކްގެ ފަހަތުން އެ މަގާމަށް އައުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ބާރެވެ.
"އެޕަލްގެ މިޝަން ކުރިއަށް ގެންދިއުމަށް މި ލިބުނު ފުރުސަތަށްޓަކައި އަހަރެން ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރުވެރިވަން،" ޓާނަސް ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ބަދަލާ ގުޅޭގޮތުން ކުކް އަދި ޓާނަސް އިތުރު ވާހަކަތަކެއް ދައްކާނީ އޭޕްރީލް 30 ގައި އެޕަލްގެ މާލީ ނަތީޖާ އިއުލާންކުރާ ދުވަހު ކަމަށް ބެލެވެއެވެ.
އާ ސީއީއޯ އަކާ ކުންފުނި ހަވާލުކުރެވެނީ އެޕަލްއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައެވެ. 2007 ވަނަ އަހަރު ޖޮބްސް ފުރަތަމަ އައިފޯން ތައާރަފުކުރި ފަހުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ މި ސިނާއަތަށް އެންމެ ބޮޑު ބަދަލެއް ގެނުވި ކަންތަކެވެ. މީގެ ދެ އަހަރު ކުރިން ވައުދުވި ފަދައިން އޭއައިގެ އާ ފީޗާތައް ފޯރުކޮށްދިނުމުގައި އެޕަލްއަށް ވަނީ ބައެއް ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
މި އަހަރުގެ ކުރީކޮޅު، އައިފޯނުގެ ވަރޗުއަލް އެސިސްޓަންޓް 'ސިރީ' އިތުރަށް ފުރިހަމަކުރުމަށްޓަކައި އެޕަލްއިން ވަނީ އޭއައިގެ ރޭހުގައި ކުރީގައި އުޅޭ ގޫގުލްގެ އެހީތެރިކަން ހޯދާފައެވެ.
"ކުކް ވަނީ އެޕަލްގައި ބޮޑު ކާމިޔާބީއެއް ގާއިމުކޮށްފައި. ނަމަވެސް މިހާރު އޭއައި ސްޓްރެޓެޖީއަށް މައިގަނޑު ސަމާލުކަން ދޭންޖެހިފައިވާއިރު، މިއީ ޓާނަސްއާ ޒިންމާ ހަވާލުކުރަންވީ ވަގުތު،" ވެޑްބުޝް ސެކިއުރިޓީޒްގެ އެނަލިސްޓް ޑޭން އައިވްސް ބުންޏެވެ.
ޖޮބްސްގެ ފަދަ ދުރުވިސްނޭ އީޖާދީ ހިޔާލުތަކެއް ކުކްގެ ކިބައިގައި ނެތް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އޭނާ ވަނީ އައިފޯނުގެ މަގުބޫލުކަމުގެ ބޭނުން ހިފައި، 1990 ގެ މެދުތެރޭގައި ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް އެޕަލް، މީގެ ކުރިން އެއްވެސް ބަޔަކު އުންމީދުވެސް ނުކުރާ ފަދަ އުސްމިންތަކަކަށް ގެންގޮސްދީފައެވެ.




