ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް - ފޮޓޯ: ބީއެމްއެލް
ލޯނު ދޫކުރާނެ ދޮށީ އުމުރަކީ 75 އަހަރު ކަމަށް ބީއެމްއެލް އިން ކަނޑައަޅައިފި
ޖުނާން އަޙުމަދު 21 އޭޕްރީލް 2026 (އަންގާރަ)   14:17
ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން ފަރުދުންނަށް ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ ދޮށީ އުމުރަކީ 75 އަހަރު ކަމުގައި އެ ބޭންކުން ކަނޑައަޅައިފިކަން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލް އިން މީގެ ކުރިން ލޯނު ދޫކުރަމުން އައިސްފައި ވަނީ، އުމުރުން 60 އަހަރުން ދަށުގެ ކަސްޓަމަރުންނަށް ކަމަށްވާއިރު، 55 އަހަރުން މަތީގެ ކަސްޓަމަރުންނަށް ވެސް، ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ލޯނު ދޫކުރަމުން އައިސްފައިވެއެވެ.

ނަމަވެސް މިއަދު އިއުލާންކުރި ބަދަލަކީ އިއްޔެ ބޭއްވި އެ ބޭންކުގެ ބޯޑު ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކަމަށާ، އެކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި، މެދު އުމުރުގެ މީހުންނަށް ވެސް ލޯނު ނެގުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

އެކަން ހާމަކުރައްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކުރިން 60 އަހަރުން މަތީގެ މީހުންނަށް ލޯނު ދޫނުކުރާގޮތަށް އޮތް އުސޫލުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާތީ، އެ ބޭންކުން ލޯނު ދޫކުރާ އެންމެ މަތީއުމުރު، 75 އަހަރަށް މަތިކުރަން އިއްޔެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ އެ އޮންނަ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް މި އުމުރު [މަތިކުރަން] އަޅުގަނޑުމެން ބޯޑުން ނިންމައިފިން." - މުހައްމަދު ޝަރީފް


އަދި މި ބަދަލަކީ ހާއްސަކޮށް ގެދޮރު ގަތުމަށާއި އެހެނިހެން މުހިންމު ކަންކަމަށް ފައިސާ ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށާ، އެކަމުގެ ސަބަބުން މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކުޑަވެ، ލޯނު ދެއްކުމުގައި އޮންނަ ބުރަ ލުއިވެގެންދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

"މިސާލަކަށް، އުމުރުން 55 އަހަރުގެ މީހަކަށް ކުރިން ދޫކުރެވެނީ އެންމެ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމަންޖެހޭ ލޯނެއް ނަމަވެސް، އުމުރުގެ ލިމިޓް 75 އަހަރަށް ބަދަލުވުމުން 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު މިހާރު ލިބިގެންދާނެ." - މުހައްމަދު ޝަރީފް

މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން، ލޯނު ދޫކުރުމުގައި އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ނުވަތަ ބޮޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ، ޝަރީފް ވިދާޅުވީ އިންޓްރެސްޓް ރޭޓަކީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ އެއްޗެއް ކަމަށާ، ވިޔަފާރިތަކާއި އެކި ކަންތައްތައްތަކަށް އިންޓްރެސްޓް ރޭޓް ކަނޑައަޅައިފައި ހުންނާނީ އެކި ވަރަށް ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ޖުމްލަ 5 ބިލިޔަން ރުފިޔާގެ ލޯނު އެކި ފަރާތްތަކަށް ދޫކޮށްފައި ކަމަށާ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް