
ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ސްރީލަންކާގެ އިންވެސްޓަރުންނަށް ދިނުމަށް ސްރީލަންކާގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ފޯރަމްގައި ދިވެހި އިންވެސްޓަރުންނާއި ސްރީލަންކާގެ އިންވެސްޓަރުން ހިމެނޭހެން 300 އެއްހާ މީހުން ބައިވެރިވިއެވެ.
މިފަހަރުގެ ފޯރަމްގައިވެސް ވަނީ، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކޮށްފައެވެ. ޚާއްސަކޮށް ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.
އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައި ވެއެވެ.
މި ފޯރަމްގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް އިންވެސްޓްމަންޓް މަޝްރޫއާއި ރަސްމާލެ މަޝްރޫއުގެ އިތުރުން ތިލަފުށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕޯޓް މަޝްރޫއާ ގުޅޭ މައުލޫމާތުތައްވެސް އިންވެސްޓަރުންނާ ހިއްސާކޮށްފައެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ލަންކާގެ އިންވެސްޓަރުންނަށް ހިއްސާ ކުރުމަށް ފޯރަމްއެއް ބޭއްވިއިރު، މިދިޔަ އަހަރު ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުގައިވެސް ރާއްޖޭގައި ބިޒްނަސް ފޯރަމެއް ބާއްވާފައިވެއެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ގައުމުތަކުގައި އަންނަނީ، މިފަދަ ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން ޗައިނާ، ޔޫއޭއީ، އިންޑިއާ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ރާއްޖޭގެ ބިޒްނަސް ފޯރަމް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރުވެސް ލަންކާގެ ބައެއް ކުންފުނިތަކުން އިންވެސްޓް ކޮށްފައި ވެއެވެ.




