
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން، އެޅުމަށް ހަމަޖެއްސި މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވީ ނަމަވެސް، ކިޔަވާ ކުދިންނަށް ހާއްސަ ކާޑެއް ތައާރަފުކުރުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ.
ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންމެހެން ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް ވިދާޅުވެ، މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ވަރަށް ބޮޑަށް މިހާރު ފާހަގަކުރެވިފައިވާތީ، މިހާރު މި ހަމަޖައްސާ އިންތިޒާމުތައް ހަމަޖެހިގެންދާނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކުގައި ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާ، އެފަދަ ދަރިވަރުންނަށް ހާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތައާރަފުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ދަރިވަރުންނަށް ހާއްސަ މި ކާޑު ތައާރަފުކުރެވުމުން އެ ދަރިވަރުންނަށް އިތުރު ފަސޭހަކަމާއި، ފައިދާތައް ލިބޭނެ ކަމަށްވެސް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.




