މީކާއިލް އަހުމަދު ނަސީމް، މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި.--
އާންމު މެންބަރުންގެ އިތުބާރު އަޅުގަނޑަށް އެބައޮތް: މީކާއީލް
"ހުރިހާ ލީޑަރުން އެއްގަލަކަށް އަރުވައި 2028 ގައި މުއިއްޒު ބަލިކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން"
ހަސަން އިބްރާހީމް 21 އޭޕްރީލް 2026 (އަންގާރަ)   19:27
އެމްޑީޕީ އާންމު މެންބަރުންގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށާ، ހުންނެވީ އާންމު މެންބަރުންނާއެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލްގެ "އިތުބާރު" ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެވެސް ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، އިންތިހާބު ކާމިޔާބު ވިޔަސް ނުވިޔަސް ޕާޓީގެ އާންމު މެންބަރުންނާއެކު އޭނާ ހުންނަވާނެ ކަމުގެ އިތުބާރު އާންމު މެންބަރުންނަށްވެސް އޮންނާނެ ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަން ކަމަށް އާންމު މެންބަރުންގެ އިތުބާރު އަޅުގަނޑަށް އެބަ އޮތް. އަދި އަޅުގަނޑު މި ވާދަކުރާ އިންތިހާބުގައި އަޅުގަނޑަށް ކާމިޔާބު ވިޔަސް، އަޅުގަނޑަށް ނާކާމިޔާބު ވިޔަސް، މި ޕާޓީގައި މި ޕާޓީގެ އާންމު މެންބަރުންނާއެކު މި ޕާޓީގައި ދެމިހުންނާނެ ކަމުގެ އިތުބާރުވެސް މި ޕާޓީގެ އާންމު މެންބަރުންގެ އޮންނާނެ." ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ މީކާއީލް ވިދާޅުވިއެވެ. 

މީކާއީލް ވިދާޅުވީ އޭނާގެ އުމުރުން 16 އަހަރުން ފެށިގެންވެސް އެމްޑީޕީގައި އުޅެމުން އަންނައިރު ޕާޓީއަށް ކިތަންމެ ނިކަމެތި ވަގުތެއް އައި ނަމަވެސް ދެގޮތެއް ނުވެ އޭނާ ހުންނެވި ކަމީ އެމްޑީޕީގެ އާންމު މެންބަރުން ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ.

ޗެއާޕާސަން އިންތިހާބު "އިތުބާރު" ކެމްޕޭން ކާމިޔާބުކުރާނެ ކަމާމެދު އެއްވެސް ޝައްކެތް ނެއްކަމަށް ވިދާޅުވެ މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަނެއްގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އޮތީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަނެއްގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ 2028 ގެ އިންތިހާބު މިޕާޓީއަށް ކާމިޔާބުކޮށްދިނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބުވެފައި އޮތީ އެމްޑީޕީގެ ހުރިހާ ބޭފުޅުންވެސް އެކުއެކީގައި މަސައްކަތް ކޮށްގެން. ޕާޓީ ބަދަހިކޮށް އެންމެންގެ މަސްލަހަތުގައި މަސައްކަތް ކޮށްގެން." މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބައެއް ބޭފުޅުން، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވާތީ އެކަމާ ގުޅޭގޮތުން ޕާޓީގެ އާންމު މެންބަރުން ސުވާލު ކުރައްވާ ކަމަށް ވިދާޅުވެ މީކާއީލް ވިދާޅުވީ އޭނާ ހުންނެވީ ވަކި ބޭފުޅަކާ އެކުގައި ނޫން ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ އާންމު މެންބަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑު މިހުރީ އެމްޑީޕީގެ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ހުރި ހުރިހާ ބޭފުޅުންގެ މެދުގައިވެސް އިންސާފުވެރިކަމާއެކު ހަމަހަމަ ކަމާއެކު އެބޭފުޅުންނަށް ގަބޫލުކުރެއްވޭނޭ އިތުބާރު ކުރެވޭނޭ ޕްރައިމަރީއެއް ބާއްވަދޭން ތައްޔާރަށޭ. އަދި އަޅުގަނޑު މިހުރީ ވަކި ބޭފުޅަކާ އެކުއެއް ނޫނޭ. އަޅުގަނޑު މިހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއެކުއޭ." މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާއިރު އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންތަކެއްގެ ތާއީދު އޭނާއަށް ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ޑރ.އަހުމަދު ޝަމްހީދުގެ ތާއީދު އޮތް ކަމަށް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމުގައި ޕާޓީގައި މަޝްވަރާ ކުރުން އިތުރު ކުރައްވާނެ ކަމަށާއި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން ވީހާވެސް ބޮޑަކަށް، މިޕާޓީގައި ތިއްބެވި ހުރިހާ ލީޑަރުން އެއްގަލަކަށް އަރުވައި އަޅުގަނޑުމެން 2028 ގައި މުއިއްޒު ބަލިކުރަން އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން." ޕްރެސް ނިންމަވައިލައްވަމުން މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓް