ރައީސް މުޙައްމަދު ނަޝީދު.--
ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި
މަރްޔަމް މުޙައްމަދު 19 އޭޕްރީލް 2026 (އާދީއްތަ)   17:32
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް ނަޝީދު  އެކަން ހާމަކުރެއްވީ "ބޮޑު ބަދަލު"ގެ ނަމުގައި މިއަދު ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށާއި ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ކަންކަން ރަނގަޅު ކުރެއްވޭނީ އެ މަގާމަށް ކުރިމަތިލައްވައިގެން ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން. އެކަން އަޅުގަނޑު މިކުރަނީ، މި ބަދަލުތައް އަޅުގަނޑުމެން ހޯދަން. އަޅުގަނޑު ދެކޭގޮތުގައި މި ބަދަލުތައް މިހާރު ބޭނުން." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދުގެ އެ އިއުލާނާއެކު އެމަނިކުފާނުގެ އަރިހުގައި އިންނަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނެވުމަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ އިންތިހާބީ ޗެއާޕާސަން އެވެ. އެންމެ ފަހުން އެ ޕާޓީގައި ޗެއާޕާސަނަށް ހުންނެވީ ފައްޔާޒް އެވެ. ފައްޔާޒް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ގޮތުން މިހާރު ޗެއާޕާސަނަކަށް އައްޔަނު ކުރެއްވީ އަބްދުލްގަފޫރު މޫސާ އެވެ.

ކޮމެންޓް