
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ ޕާޓީގެ މެންބަރަކަށް ވުމާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލިސްގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ކަމަށް ބަޔާންކުރާ ހުރިހާ ޝަރުތުތައް ފުރިހަމަވުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހިމެނެއެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވާ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އެމްޑީޕީން މިއަދު ވަނީ ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ވެސް އާންމުކޮށްފައެވެ. ޓައިމްލައިންގައި ވާގޮތުން ވޯޓުލުމަށް ޕާޓީއަށް މެންބަރުން ވެއްދުމުގެ ފަހު ތާރީހަކީ މިއަދެވެ. އެހެންކަމުން ޗެއާޕާސަން އިންތިހާބުގައި ވޯޓުލެވޭނީ، މިރޭ 12:00 ގެ ކުރިން އެމްޑީޕީގެ މެންބަރަކަށް ވާފަރާތްތަކަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.
ނަޝީދާއި މީކާއީލް މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެ މަގާމުގައި މިހާރު ހުންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.




