
ނަހުލާގެ މަސައްކަތްތައް އާންމު ގޮތެއްގައި ބިނާވެފައިވަނީ އާންމު ދިރިއުޅުމުގެ މައްސަލަތަކަށެވެ. ލޯބީގެ އުފަލާއި ހިތާމައިގެ އަސަރުތަކަށެވެ. އާއިލީ ގުޅުންތަކުގެ މައްޗަށެވެ. އަދި ބިރުވެރި ހާދިސާތަކުގެ މަތިންވެސް ހަނދާން ނައްތާލާފައެއް ނުވެއެވެ.
ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ނަހުލާގެ ފުރަތަމަ ޑައިރެކްޝަނަކީ "ފަހުނޭވާ" އެވެ. އެއީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން ނަހުލާގެ ނަން އެކި ރަހަ ތަކުގެ ފިލްމުތަކާ ގުޅުވައި ދިޔައީ އިވެމުންނެވެ. އެއިން ހަމަ ކޮންމެ ފިލްމަކީވެސް ދިވެހީންގެ ހިތްތަކުން ޖާގަ ހޯދާފައިވާ، ހަނދާންތައް އާކޮށްދޭނެ ފިލްމެކެވެ.
"ފަހުނޭވާ" ލާފައި ނަމަވެސް ނަހުލާ ފެށި ދަތުރު ކުރިއަށް ގެންދިޔައީ ދާއިރާއަށް އޮތް "ލޯތްބަށްޓަކާ" އެވެ. "ނާއުންމީދު" ވިޔަސް "ކަލާޔާނުލާ" ވެސް "މިހަށީން ފުރާނަދަންދެން" "ހެޔޮނުވާނެ" އޭ ބުނަމުން އޭނާ ދިޔައީ ކުރިއަށެވެ. "ބޮސް" ދޭހާ ލޯބިވެފައި "ލޯބިނުވެވުނުނަމަ" އޭ ހިތަށް އެރިޔަސް "ސޮރީ" އޭ ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. "ހުވާ" ކޮށްފައި "ދަޅަ" ދައްކާފައި "4426" އިން ބިރުވެސް ގެންނުވި އެވެ.
ނަހުލާގެ ބުރަ މަސައްކަތް ހިމެނޭ އެފަދަ ކޮންމެ މަސައްކަތަކުން އެތައް ދިވެހީންނެއްގެ އެތައް ހަނދާނެއް އާކުރުވާނެއެވެ. އެ މަސައްކަތްތަކަކީ ގައުމީ ފެންވަރުގެ ގިނަ ވަނަ ތަކާއި ޝުކުރުވެރިކަމާއި ތައުރީފުގެ ގިނަ ބަސްތައް ރައްދުވެފައިވާ މަސައްކަތް ތަކެވެ.
ނަހުލާގެ އިތުރު މަސައްކަތްތައްވެސް ބައިވަރެވެ. އޭނާ އަހަރުމެންނަށް ގިނަ ބައެއްގެ ވާހަކަތައްވެސް ގެނެސްދީފި އެވެ. "ޒުލޭހާ" އާއި "ޔޫސުފް" ގެ ވާހަކަ އެވެ. "މަންޖެ" ވާހަކައިން އާންމުންގެ ސަމާލުކަން ހޯދި ނަހުލާ މިފަހަރު އަހަރުމެންނަށް މި ކިޔައި ދެނީ އޭނާގެ ވާހަކަ އެވެ.
އާއެކެވެ. ނަހުލާ ކިޔައި ދީފައި މިވަނީ ނަހުލާގެ ވާހަކަ އެވެ. ދާދި ފަހުން، ފޭސްބުކް ޕޭޖް "ރަން ޒަމާން" ގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓްގައި އޮތީ އިނގިރޭސި ބަސް ކިޔަވައި ދޭނެ ދިވެހިން ޓީޗަރުން އުފައްދަން ފެށި ޕްރޮގްރާމްގެ 11 ވަނަ ބެޗްގެ ބައިވެރިންތަކެއްގެ ފޮޓޯ އާއި ނަންތަކެވެ. ކަޅާއި ހުދުގެ އެ ލިސްޓްގައި ހިމެނޭ އެކަކީ ފާތުމަތު ނަހުލާ އެވެ.
ނަހުލާގެ ވާހަކަ ލިޔުނީ އެ ޕޯސްޓާ ގުޅިގެންނެވެ. ތިރީގައި މިވަނީ ނަހުލާގެ ފޭސްބުކް ޕޭޖްގައި، ނަހުލާ ލިޔެފައިވާ އޭނާގެ ވާހަކަ އެވެ.
-----------
މި ދެ ދުވަހު ކެނޑިނޭޅި މި ފޮޓޯ އަޅުގަނޑަށް މީހުން ފޮނުވަމުން އެބަދެ އެވެ. އެއީ 1990 އެވެ. އަޅުގަނޑުމެން ތަމްރީނު ވަމުން ދިއައީ އިގިރޭސި ބަހުން މުދައްރިސުން ތަމްރީން ކުރާ ކޯހުގެ 11 ވަނަ ބުރުގައެވެ. އެއީ ބުރަ ދުވަސް ކޮޅެކެވެ. މިހާރާ ބަލާފައި އެއީ ވަރުގަދަ ތަމްރީނެކެވެ. އެއް އަހަރު ތެރޭގައި ސެޓްފިކެޓް ހޯދަން ޖެހުނީ ވަރަށް މަސައްކަތުންނެވެ.
އެތަނުން އުފެދުނު ޓީޗަރުންނަކީ ވެސް ފެންވަރު ރަނގަޅު ޓީޗަރުންނެވެ. އަޅުގަނޑުމެންގެ މި ބެޗްގެ ގިނަ ކުދީންނަކީ މިހާރު ބޮޑެތި ސުކޫލުތަކުގެ އިސްބޭފުޅުންނެވެ. މިފަންނުގައި އެބޭފުޅުން ދެމިތިބީތީ އެބޭފުޅުންގެ ކެތްތެރި ކަމަށް ހަމަ ސާބަހެވެ. ޒިންމާދާރު ޓީޗަރަކަށް ވުމަކީ ބޮޑު ބުރަ މަސައްކަތެކެވެ. އެއީ ސުކޫލުގައި ކިޔަވައިދީ ނިމިގެން ގެއަށް އައުމަށް ފަހުގައިވެސް ނުނިމޭ މަސައްކަތެކެވެ. އަހަރުތަކަކު ޓީޗިންގް ގައި ހޭދަ ކުރުމަށް ފަހު މި ފަންނު ދޫކޮށްލަން އަޅުގަނޑަށް ވެސް މަޖުބޫރުވި އެއް ސަބަބަކީ މިއެވެ.
ތެދެކެވެ. 1990 އެއީ އަޅުގަނޑުގެ ވެސް ރަންޒަމާނެވެ. އަޅުގަނޑާ ސިނާން ގެ ގުޅުމުގައި ކުލަ ޖެހެމުން އައި އަހަރެވެ. މައިން ބަފައިންނަށް ސިއްރުން ބައްދަލު ކުރަމުން ދިއަ ދުވަސްތަކެވެ. ދެފަރާތުގެ އާއިލާވެސް ނުގަބޫލު ގުޅުމެކެވެ. ވާނީވެސް އެހެންނެވެ. އޭރު އަދި ދެކުދީން ރަނގަޅަށް ބޮޑުވެސް ނުވަނީއެވެ. އިންސްޓިޓިއުޓް އަށް ދާމަގުމަތީގައި ސިއްރުން ބާއްވަމުން ދިއަ ބައްދަލުވުންތައް އެންމެ ފަހުން ފަޅާއަރާ ގޭގައި ހައްޔަރު ކޮށް، ޕޮލިހަށް ގެންދެވުނު ދުވަސް ވެސް ހަނދާން އެބަހުއްޓެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ގުޅުން ވީ އިތުރަށް ވަރުގަދައެވެ. އެދުވަހު ފިލްމް ކުޅެވިފައި އެވަނީ އަޅުގަނޑުމެން ދެކުދީންނަށެވެ. އެންމެ ފަހުން ދެކުދީން ވަކި ނުވާނެ ކަން އެނގުމުން ދެން ޖެހުނީ މައިންބަފައިން ހަތިޔާރު ބަހައްޓާށެވެ.
އުމުރުން އެންމެ 18 އަހަރުގައި ކައިވެނި ކުރެވުނެވެ. ވާނުވާގަ ތިއްބާ އަހަރު ދެކޮޅު ދެ ކުދީންވެސް ލިބުނެވެ. ދެން ޖެހުނީ ޓީޗިންގް ދޫކޮށްލާށެވެ. ވާވަރު ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް ކިޔަވައިދިނުން ދޫކޮށެއް ނުލަމެވެ. ގޭގައި ޓިއުޝަން ދިނީ ދެމަފިރީން އެކީގަ އެވެ. ގިނަ އަދަދެއްގެ ކުދީންނަށެވެ. ކިއެވުނު އެއްޗެއްގެ ބޭނުން ހިފުމުގެ މަގްސަދުގަ އެވެ. ސްކޫލުގައި ކިޔަވާ ނުދެވުނަސް އޭރު ލިބުނު ދެދަރީންނަށް ކިޔަވާ ދިނުމުގައި އެ ހުނަރު ބޭނުން ކުރީމެވެ. ﷲ ގެ ރަހުމަތުން ނަތީޖާ ވެސް ވަރަށް ފޮންޏެވެ.
އަޅުގަނޑުގެ ލިއުންތެރިކަމުގެ ހުނަރު އަޅުގަނޑަށް ފާހަގަވީވެސް އެދުވަސް ވަރުގައެވެ. ޓީޗިންގް ހަދަން އުޅުމުގެ ތެރޭގައެވެ. އޭރު ލިއެ އުޅުނީ މުޅީންވެސް އިނގިރޭސިންނެވެ. ދިވެހި ބަހަށް ވަރަށް ނުފަރިތަ އެވެ. އެހެން ނަމަވެސް ރައްޓެއްސަކާއެކު ވާހަކައެއް ލިއެވޭތޯ ބެލީއެވެ. އެވާހަކަ އޭރުގެ ލައިބްރޭރިއަންއަށް ކަމުދިއަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރުވާހަކަ ލިއުމުގެ މުބާރާތުގައި ކިޔާލަން ދޭށޭ ބުނުމުން ދިނީ މާ ކަމުދާނެ އެއްޗެއް ކަމަށް ގަބޫލު ކުރެވިގެނެއް ނޫނެވެ. އެހެން ނަމަވެސް އެ އަހަރުގެ މުބާރާތުން ލިއުންތެރި ކަމަށާއި ކިއުންތެރި ކަމަށް އެއްވަނަ ލިބުނެވެ. ފައިސާގެ އިނާމެއްވެސް ލިބުނެވެ.
އޭރު އަދި މުސާރައެއް ވެސް ނުލިބޭތީ އެއީ ފުރަތަމަ ލިބުނު އާމްދަނީ އެވެ. ވަރަށް އުފާވި އެވެ. ދެން ޖެހިގެން އައި އަހަރުވެސް އެ މުބާރާތުން ފައިސާގެ އިނާމެއް ލިބޭތޯ 2 ވާހަކަ ލިއުނީމެވެ. އެފަހަރު 1 ވަނަ އާއި 3 ވަނަ ލިބުނެވެ. އަނެއްކާ ޖެހިގެން އައި އަހަރުވެސް އެ މުބާރާތަށް ލިއުނީމެވެ. އެފަހަރުވެސް 1 ވަނަ ލިބުނެވެ. ޖެހިޖެހިގެން 3 ފަހަރު އެއްވަނަ ލިބުނީމާ އާމްދަނީ ހޯދަން މީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. އޭރު ކައިވެނިވެސް ކުރެވިއްޖެއެވެ. ދެ ކުދީން ވެސް ލިބިއްޖެއެވެ. ދެން ލިއަން ފެށީ ނޫހަކަށެވެ.
ހަނދާންވާ ގޮތުގައި އެއީ އާފަތިސް ނޫހެވެ. ނޫހުގައި ވާހަކަ ލިއަންފެށުމުން އާންމުންގެ ތަރުހީބު ލިބުނީ އޮބިނޯންނަ ވަރަށެވެ. މީ ހުސް ސަޕްރައިސް އެވެ. މާތްﷲ ގެ ހެޔޮ ރަހުމަތްފުޅެވެ. ހަގީގަތަށް ބުނާނަމަ އަޅުގަނޑު މަޝްހޫރުވެ ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ލިއުންތެރި އަކަށް ވީއިރު އަދި އަޅުގަނޑަށް ދިވެހި ބަހުން ރަގަޅަށް ސުކުން ކުރަން ވެސް ނޭނގެއެވެ.
ލިއުންތެރިކަމުގެ އާންމު ހިދުމަތުގެ އިނާމް ދެއްވުމަށް އަޅުގަނޑު ނޮމިނޭޓް ވިއިރު އަދި އަޅުގަނޑުގެ އުމުރުފުރާވެސް ހަމަ ނުވެއެވެ، އެހެން ކަމުން އެ ޝަރަފް އަޅުގަނޑު އުމުރު ހަމަވެންދެން މަޑުކޮށްލައިގެން އޮންނަން ޖެހުނެވެ. ހަނދާނަށް އަންނަނީ 25 އަހަރު ފުރިގެން އާންމު ހިދުމަތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އަލްއުސްތާޒް މަޢުމޫނު އަބްދުލް ގައްޔޫމް އަޅުގަނޑުގެ މަންމައާ ބައްދަލުކޮށް ވިދާޅުވި ބަސްފުޅެކެވެ. ނަހުލާގެ މަންމަ ނަހުލާ ކުޑައިރު ވަރަށް ވާހަކަ ކިޔައިދީފައި ހުންނާނެ ކަން ޔަގީނޭ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އަޅުގަނޑަށް ނުވެސް އެނގި ހުއްޓާ އަޅުގަނޑުގެ ކިބައިގައި މި ހުނަރު އަށަގަތުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ މަންމަ އެވެ.
މަންމަ ކިޔާދޭ މޮޅު، ހުސްނުވާ އާ ވާހަކަ ތަކެވެ. އެކަމަށްޓަކާވެސް ތާއަބަދު މަންމަގެ ހަނދާން އާވެއެވެ. ކޮންމެ މަސައްކަތެއްގައި ކާމިޔާބު ވާހިނދު މަންމަގެ މުހިންމުކަން ހަނދުމަވެއެވެ. އަޅުގަނޑުގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވަނީ މަންމައާއެވެ. މާތްﷲ މިއަޅާގެ މަންމައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުން އެދި ދުއާ ކުރަމެވެ.
އަދިވެސް ހަނދާންވާ ދުވަހެއް އެބައޮތެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި ރައީސްގެ ދެކަނބަލުން ދެއްވި ދައުވަތަކަށް ދިއުމުގެ ފުރުސަތު ލިބުނު ދުވަހެކެވެ. ސޯދުބޭ އާއި އަޅުގަނޑު ވާހަކައެއްގައި ތިއްބާ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވިއެވެ. އަޅުގަނޑަކީ ނަހުލާ ކުޑަކުޑަ އިރުވެސް ނަހުލާގެ ފޭން އެކެވެ. އެ ވިދާޅުވި އެއްޗެއް ނޭގުނެވެ. އިވުނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރެވުނީއެވެ. އަނެއްކާވެސް ވިދާޅުވިއެވެ.
ނަހުލާ ނޫހުގައި ލިއުނު އިރު އެ ވާހަކަތައް އަޅުގަނޑުމެން ނޫހުގެ ސޮފްހާތައް އެއްކޮށްގެން ފޮރުވައިގެން ގެންގުޅުނީމެވެ. ފަހުން ފޮތްތައްވެސް ގަތީމެވެ. ވަރަށް ބޮޑަށް އުފާވިއެވެ. އެއީ އެ ޒަމާނުގައިވެސް އެ މަނިކުފާނަކީ މޮޅު ލިއުންތެރި އެކެވެ. އޭރު އަޅުގަނޑަކީ އެ ރޮނގުން މާ ބޮޑުއެއްޗެއް ނޭގޭ ކުޑަ ކުއްޖެކެވެ.
ޓީޗިން ކެރިއަ ދޫކޮށްލާ ފިލްމުގެ މަސައްކަތް ފެށީމެވެ. ވަރަށްބޮޑެތި ގޮންޖެހުން ތަކާ ދިމާވިއެވެ. ވަރަށް ހިތްދަތި އަހަރުތަކަކާވެސް ކުރިމަތި ވިއެވެ. ފުރަތަމަ މަސައްކަތް ކުރީ އެހެން މީހުންގެ ނަމުގެ ދަށުގައެވެ. އަޅުގަނޑުގެ ވާހަކައަށް ފިލްމް ހަދާ މީހުނަށް އެހީތެރި ވީއެވެ. އެގޮތުން މަސައްކަތް ދަސްކުރި އިރުވެސް ފިލްމުގެ ޑައިރެކްޝަންގެ ބޮޑުބައެއްގައި އަޅުގަނޑަށް މަސައްކަތް ކުރެވުނެވެ. އެއްވެސް ޑައިރެކްޓަރަކު ކްރެޑިޓެއް ނުދިން ތާގައި ސިއްރުންވެސް ތައުރީފްގެ ބަހެއް ބުނެނުލައެވެ.
އަޅުގަނޑު ޑައިރެކްޓްކޮށް އެހެން މީހުންގެ ނަން ޖަހާ ފަހުރު ހޯދި ބަޔަކުވެސް އުޅުނެވެ. އެހާ ހިސާބުން ދެން ނިންމީ އަމިއްލަ ޑައިރެކްޝަން އަކަށް ދާށެވެ. އެކަނި ވާވަރު ކަމެއް ތޯ ބަލާލާށެވެ. އެގޮތުން ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަށް ވެސް ފިލްމު އެޅުވުމުގެ ކުރީން ލިބުނު ބޮޑު ތަރުހީބާ އެކު އާންމުންގެ އިތުބާރު ލިބިފަވާ މިންވަރު ހާމަވިއެވެ. އެހާ ހިސާބުން ފެށިގެން މިއަދާ ޖެހެންދެންވެސް އެންމެ ބޮޑު ސަމާލު ކަމެއް ދެނީ އާންމުންގެ އިތުބާރު ގެއްލުވާނުލާ އެގޮތުގައި ދެމި ހުރުމަށެވެ.
މީ އަޅުގަނޑުގެ 1990 އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ދިގު ދަތުރުގެ ވާހަކައެވެ. މީގެން ހާސިލް ކުރެވިދާނެ އިބްރަތެއް އެބައޮތެވެ. އެމީހެއްގެ ކިބައިގައި ފޮރުވިފައި ހުރި އާދަޔާ ހިލާފް ހުނަރެއް އިނގޭނީ އެކަމަކާ ކުރިމަތި ލައިގެންނެވެ. އަދި އެ ހުނަރާ އެކު ކުރިއަށް ދެވޭނީ ހިތްވަރާ އެކު ގޮންޖެހުންތަކާއި ކުރިމަތިލާން ކެރިގެންނެވެ. އަޒުމުވެސް ވަރުގަދަ ވެގެންނެވެ.




