
އެކަން ހާމަކުރައްވާ، ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވެފައި ވަނީ، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް ޝާހިދު ނިންމެވީ، މިވަގުތު ޕާޓީގެ ރައީސް ކަމުގައި ހުންނަވައި އެތެރޭގެ އިންތިހާބު ތަކުގައި ވަކި ކޮޅެއް ނެންގެވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލު ކަމަށް ނުވާތީ ކަމަށާ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ކަމަށެވެ.
ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ އެ ބޭފުޅާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ ކަމަށެވެ.
ކުރިއަށް މިއޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ވަކި ބަޔަކަށް ތާއީދު ނުކުރައްވަން ޝާހިދު ނިންމަވާފައި ވާއިރު، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައިވެސް ޝާހިދު ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަން ފާހަގަކޮށްލެވެއެވެ.




