
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީން މިދިޔަ މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމުގެ ތުހުމަތުގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ޝާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރެންޑަމްގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު ސަރުކާރުގެ މަގުބޫލުކަން ކުޑަވުމުން، ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި ޕާޓީތަކަށް އަދި މީޑިއާއަށް ބިރު ދެއްކުން އާންމު ކަމަކަށް ސަރުކާރުން ހަދާފައިވާ ކަމަށެވެ.
މައިމޫން އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ އޭނާ ފަދަ ހިތްވަރުގަދަ އެމްޑީޕީގެ ހަރަކާތްތެރިންނަށް ބިރު ދައްކަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"އެމްޑީޕީއަކީ ފަހަތަށް ޖެހޭ ޕާޓީއެއް ނޫން. މި ޕާޓީގެ ހަރަކާތްތެރިންނާ މެންބަރުންނަކީ އަމުދުން ދައްކާ ބިރަށް ފަސްޖެހޭނެ ބައެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
ޗިޓުގައިވާ ގޮތުން މައިމޫން ފުލުހަށް ހާޒިރުކުރަނީ މިއަދު ހެނދުނު 9:30 އަށެވެ. އޭނާ ހާޒިރުކުރަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިފައިވާ މައްސަލައެއްގައި ކަމަށް ފުލުހުންގެ ޗިޓުގައި ބުނެފައި ވެއެވެ.
އިދިކޮޅު ޕާޓީތަކަށް ސަރުކާރުން ބިރުދެއްކުން އާންމު ކޮށްފިކަމަށް ޝާހިދު ވިދާޅުވިއިރު، އެމްޑީޕީ އާއި ޕިއެންއެފުން ސިލްސިލާ ކޮށް ބާއްވަމުން އަންނަ މުޒާހަރާ ތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް އިންޒާރުދީ ސިޓީ ފޮނުވައި ބަޔާން ނެރެފައެވެ.
އަދި މީގެ އިތުރުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ މުޒާހަރާ ކުރާ ޕާޓީތަކާ ދެކޮޅަށް ގަރާރެއް ހުށަހަޅާފައެވެ. ގަރާރުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުގެ އިތުރުން، އެކަން ތަކުރާރުކުރާ ޕާޓީތައް އުވާލަންޖެހޭ ކަމަށެވެ.




