އަބްދުﷲ ޝާހިދު، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވަނީ.-- ފޮޓޯ: އދ
ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޗައިނާއަށް
ފިޔެސް 11 މޭ 2026 (ހޯމަ)   08:58
އެމްޑީޕީގެ ރައީސް އަދި އަބްދުﷲ ޝާހިދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޗައިނާގެ ޝެންހައިގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 21 ރައީސުންގެ ތެރެއިން 12 ރައީސަކު މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވީ ސެޕްޓެމްބަރު 2021 އިން ސެޕްޓެމްބަރު 2022 އަށެވެ. މިއީ ދިވެއްސަކު މި މަގާމު ފުރުއްވި ފުރަތަމަ ފަހަރެވެ.

ޝާހިދުގެ ރިޔާސަތުގައި އިސްކަންދެއްވީ "އުންމީދީ ރިޔާސަތެއް" ކުރިއަށް ނެރުއްވުމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ފަހު ދުނިޔެ އިއާދަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ވެކްސިންގެ ހަމަހަމަކަމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ބައިނަލްއަގުވާމީ އެއްބާރުލުން ހިމެނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ދައުރަކީ އދ. ގެ 193 މެންބަރު ގައުމުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމާއި، ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ބާރުއެޅުމާއި، ބައިނަލްއަގުވާމީ ބޮޑެތި ހަރަކާތްތަކުގައި އާންމު މަޖިލިސް ތަމްސީލުކުރެއްވުމެވެ.

ޝާހިދުގެ ރިޔާސަތުގައި، ކޮވިޑަށްފަހު ދުނިޔޭގެ އިގްތިސާދު އިއާދަކުރުމާއި، މޫސުމީ ފިޔަވަޅުތަކާއި، ސުލްހަ މަސަލަސްކަން އަދި އދ. ގެ ނިޒާމުގެ ތެރެއިން އެއްބާރުލުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ގިނަ ބައްދަލުވުންތަކެއް ބޭއްވެވިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް