އެމްޑީޕީ އިން ބޭއްވި ރަންރީނދޫ ދުވުމުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ މެންބަރުންގެ އަދަދު 50،500 އަށް
މަރްޔަމް މުޙައްމަދު 23 އޭޕްރީލް 2026 (ބުރާސްފަތި)   09:12
އެމްޑީޕީ ޗެއާޕާސަން އިންތިހާބު ވާދަވެރިކަން ބޮޑުވެ، މެންބަރުންގެ އަދަދު 50،500 އިން މައްޗަށް އަރައިފި އެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ވަނީ އިއްޔެ ހުޅުވާލާފައެވެ. އެޔާއެކު އެޕާޓީން އާންމުކުރި ޓައިމްލައިންގައި ބުނެފައި އޮތްގޮތުން، ޗެއާޕާސަން އިންތިހާބުގައި ވޯޓް ލެވޭނީ ރޭ 12:00 ގެ ކުރިން ޕާޓީގެ މެންބަރަކަށްވާ ފަރާތްތަކަށެވެ. އެހެންވެ މެންބަރުން އިތުރުކުރުމުގެ ފޯރި ވަރަށް ބޮޑަށް ގަދަވެގެން ދިޔައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި 1 ޖެނުއަރީ 2026 ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،784 މެންބަރުންނެވެ. ނަމަވެސް ފާއިތު މިވީ ދުވަސްތަކުގައި އެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައެވެ.

ޗެއާޕާސަންގެ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު ކުރިން އެމްޑީޕީގައި އުޅުނު ނަމަވެސް ފަހުން އެ ޕާޓީއާ ދުރުގައި ތިބި އެތައް ބަޔަކު ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.

އިއްޔެ ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން އިއުލާން ކުރުމާއެކު އަށެއްކަ ގަޑިއިރުގެ ތެރޭގައި ފަސްހާހެއްހާ މީހުން އެމްޑީޕީއާ ގުޅިފައި ވެއެވެ. އޭގެ ކުރިން ޕާޓީގައި ރެޖިސްޓްރީ ވެފައިތިބި މެންބަރުންނާއެކު އެމްޑީޕީ މެންބަރުންގެ މިހާރުގެ އަދަދަކީ 50،500 އަށްވުރެ މަތީ އަދަދެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.  

އެމްޑީޕީން އާންމުކުރި ޓައިމްލައިންގައި ޗެއާޕާސަން އިންތިހާބުގައި ވޯޓުލެވޭނެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ވަރަށް މަދު ވަގުތު ދީފައިވާތީ އެކަމާ ދެކޮޅަށް ސޯޝަލްމީޑިއާގައި ވަނީ ފާޑުކިޔާފައެވެ. އިތުރު ވަގުތު ދީގެން މެންބަރުން އިތުރު ކުރުމަށް ފުރުސަތު ދިނުމަށް އެމްޑީޕީގެ އެކި ޕްލެޓްފޯމްތަކުގައިވެސް ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ 44،000 މެންބަރުން އެމްޑީޕީގައި ތިއްބާ މިއަދު އެ އަދަދު 50،000 އަށް އުފުލިފައިވާ ކަމަށެވެ. ނަމަވެސް، ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މީހަކަށް ވާންޖެހެއެވެ.

ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.

ކޮމެންޓް