
ތިރީގައި މި ބަލައިލަނީ މިމަހުގެ 4 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ދައްކުވައިދިން ހަގީގަތެވެ. މި ހަގީގަތް ހާމަކުރުމުގައި މިވަނީ ހިސާބު އަކުރުތަކެވެ. ހިސާބު އަކުރުތައް ދޮގެއް ނުހަދާނެ ނޫންތޯއެވެ.
އެމްޑީޕީ: ގެއްލުނު ގޮނޑިތަކާއި ކާމިޔާބީގެ ނިސްބަތް
އިންތިޚާބުގައި ވާދަކުރި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނަތީޖާއަށް ބަލާއިރު، ފެންނަނީ ހައިރާންކުރުވަނިވި ހަގީގަތްތަކެކެވެ.
ވާދަކުރި ގޮނޑި: ޖުމްލަ 1,356 ގޮނޑީގެ ތެރެއިން އެމްޑީޕީން ކުރިމަތިލީ 912 ގޮނޑިއަށެވެ.
ގެއްލުނު ގޮނޑި: މީގެ ތެރެއިން 350 ގޮނޑި އެ ޕާޓީއަށް ވަނީ ނާކާމިޔާބުވެފައެވެ.
ހަގީގީ ނަތީޖާ: އެމްޑީޕީން ވަނީ އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރި ގޮނޑިތަކުގެ ތެރެއިން 562 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން، ވާދަކުރި ޖުމްލަ އަދަދާ އަޅާކިޔާއިރު ކާމިޔާބު ކުރި އަދަދު %50 އަށްވުރެ މައްޗެވެ.
މި އަދަދުތަކުން އެނގެނީ، އެމްޑީޕީން ވާދަކުރި ދާއިރާތަކުގެ ނިސްބަތުން ކާމިޔާބީގެ ރޭޓު ހުރީ އެދެވޭ މިންވަރެއްގައި ކަމެވެ.
އިންތިހާބުގެ ހަގީގީ ނަތީޖާ ދައްކުވައިދޭ ގްރާފެއް
ޕީއެންސީ: ގިނަ ގޮނޑިތަކަކަށް ވާދަކުރުމާއި ނާކާމިޔާބީގެ ނިސްބަތް
ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ވާދަކުރި ގޮނޑި: ޖުމްލަ 1,356 ގޮނޑީގެ ތެރެއިން 1,323 ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރި އެވެ. މިއީ ގާތްގަނޑަކަށް ހުރިހާ ދާއިރާއެކެވެ.
ގެއްލުނު ގޮނޑި: ޕީއެންސީއަށް ވަނީ 742 ގޮނޑި ނާކާމިޔާބުވެފައެވެ.
ކާމިޔާބު ކުރެވުނީ: ޕީއެންސީއަށް ކާމިޔާބު ކުރެވުނީ 581 ގޮނޑިއެވެ.
މީގެ މާނައަކީ، ޕީއެންސީން ވާދަކުރި ގޮނޑިތަކުގެ ޖުމްލަ އަދަދުގެ ދެބައިކުޅަ އެއްބައިވެސް ކާމިޔާބު ނުކުރެވުނުކަމެވެ. ގިނަ އަދަދެއްގެ ގޮނޑިތަކަށް ވާދަކުރުމަކީ "ގިނަ ގޮނޑި ކާމިޔާބުކުރުން" ކަމަށް ބެލެވުނަސް، ނިސްބަތުން ބަލާއިރު ނާކާމިޔާބުވި ނިސްބަތް މާބޮޑެވެ.
ނަތީޖާގެ އަޅާކިޔުން (ޓޭބަލް)
ކާމިޔާބާއި ނާކާމިޔާބު އަޅާކިޔުން
ކާމިޔާބާއި ނާކާމިޔާބު އަޅާކިޔާއިރު، އާބާދީ ބޮޑެތި ސިޓީތަކުންނާއި ގިނަ ރަށްތަކުން ސަރުކާރަށް ނުވަތަ ޕީއެންސީއަށްވީ ނާކާމިޔާބެވެ. ކުދި އާބާދީތަކަށް ނުއެކަށޭނަ މިންވަރަށް ސަރުކާރުގެ ކުންފުނިތަކުން "ރަށު އެންމެނަށް ވަޒީފާ ބަހައިގެން" ކާމިޔާބު ވުމަކީ ކުރި ހަރަދާއި ބޭނުންކުރި ނުފޫޒާ ބަލާއިރު ހަގީގީ މާނައިގައި މޮޅުވުން ނޫންކަން ޚުދު އެބޭފުޅުންވެސް ގަބޫލު ކުރައްވާނެއެވެ. އިންތިހާބުގެ ނަތީޖާއާއެކު ސަރުކާރަށް އަންނަމުންދާ ބަދަލުތައް ބުނެދެނީ އެ ހަގީގަތެވެ.
ސަރުކާރު ހިންގާ ޕާޓީން އިންތިހާބުތައް ކާމިޔާބުކުރި ރަށްރަށުން ކާމިޔާބުކުރީ ކިހިނެއް ހެއްޔެވެ؟ ކިތައް ރަށުން ކިތައް ވަޒީފާ ދިން ހެއްޔެވެ؟ މުވައްޒަފުންނަށް ކިހާވަރަކަށް ޕްރެޝަރު ކުރި ހެއްޔެވެ. އެކަމަކުވެސް، އެ ފިއްތުންތަކާއި ނުފޫޒުގެ ކުރިމަތީގައި ރައްޔިތުން ސަރުކާރަށް ސާފު އިބާރާތުން "ނޫނެކޭ" ބުނެފިއެވެ.
ނިމިދިޔަ އިންތިހާބުތަކުގެ ނަތީޖާ އެކިގޮތްގޮތަށް އެކި މީޑިއާތަކުން ދަނީ މާނަ ކުރަމުންނެވެ. ސަރުކާރުގެ ބޮޑެތި ސްޕޮންސާތައް ލިބޭ މީޑިއާތަކުން ދަނީ ސަރުކާރު ރުހޭ ގޮތަށް ހަބަރާއި މައުލޫމާތު ފަތުރަމުންނެވެ. އެފަދަ ފަރާތްތަކުން ބުނަނީ މޮޅުވީ ސަރުކާރު ކަމަށެވެ. އެމްޑީޕީ އަށްވުރެ ގިނައިން މިތައް ގޮނޑި ކާމިޔާބު ކުރިކަމަށެވެ. އެހެނަސް މިފަދަ ހިސާބަކުން މި ދައްކުވައިދެނީވެސް އިންތިހާބުގެ ނަތީޖާގެ ހަގީގަތް ނޫންތޯއެވެ.




