ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި.--
ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި، އާމްދަނީ އިތުރުކުރާނެ އާ ގޮތްތަކެއް ހޯދަން އެބަޖެހޭ
ނޫންނަމަ ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުފެނޭ
މަރްޔަމް މުޙައްމަދު 23 އޭޕްރީލް 2026 (ބުރާސްފަތި)   10:26
މިސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި، އާމްދަނީ އިތުރުކުރާނެ އާ ގޮތްތަކެއް ނުހޯދައިފި ނަމަ، ރަައްޖޭގެ އިގްތިސޯދަށް އެއްވެސް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަށް ނުފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ، ފްރޮންޓް އޮފީިުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދަރަނި އަދާކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތި، ސަރުކާރުން އިތުރަށް ދަރަނި ނަގަމުން ދިއުމަކީ ފައިސާގެ އަގު އިތުރަށް ވެއްޓެން މެދުވެރިވާ ސަބަބެއް ކަން ފާހަގަކުރައްވާ ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އަދި މާލީ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު 35 އިންސައްތައަށް ވުރެ ބޮޑަށް މިހާރު ވެސް ވެއްޓިފައިވާ ކަމަށެވެ. 

އަދި ބޭރު ފައިސާ އިތުރުކުރާނެ ޕްލޭނެއް ނެތި ސަރުކާރުން ދަރަނި ނަގަމުންދާ ނަމަ، ނޫޓު ޗާޕުކުރަން އަނެއްކާވެސް ޖެހޭނެ ކަމަށާ، އޭގެ ނަތީޖާއަކަށް ވާނީ ތަކެތީގެ އަގާއި ގޭގޭގެ ކުލި އިންތިހާއަށް އުފުލިގެން ދިއުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިސަރުކާރުން މާލިއްޔަތާ މެދު އަމަލުކުރަމުންދާ ގޮތުން ރައްޔިތުން ރައްކާކޮށްފައިވާ ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ވިދާޅުވެ، ރައީސް ޔާމީން މިސާލެއްގެ ގޮތުން ވިދާޅުވީ، ސޭވިންގް އެކައުންޓެއްގައި ހުރި 100 ރުފިޔާގެ އަގު 65 ރުފިޔާއަށް ވެއްޓުމަކީ ރައްޔިތު މީހާގެ އެއްވެސް ކުށެއް ނެތި، ދައުލަތުގެ ފިސްކަލް ޕޮލިސީގެ ސަބަބުން އެމީހާއަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމަށެވެ.

ކޮމެންޓް