
އިމިގްރޭޝަނުން މިއަދު ވަނީ، އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައި ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ މަސައްކަތާއި ނަޒާހާތްތެރިކަން ފާހަގަކޮށްފައެވެ.
އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހެވެ. އެހާތަނަށް އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރުގެ ޚިދުމަތް ކުރައްވާފައިކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައި އަޝްފާން ކޮށްދެއްވި އިހްލާސްތެރި ހިދުމަތުގެ އަގު ވަޒަންކޮށް އިމިގްރޭޝަނުން މިއަދު ވަނީ ރަމްޒީ ނިޝާނެއްވެސް އޭނާއާ ހަވާލުކޮށްފައެވެ.
އެ ނިޝާން އަޝްފާންއާ ހަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަޞީޙެވެ. ފަޞީޙް ވަނީ އަޝްފާންގެ ފަންނީ ހުނަރުވެރިކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި އޭނާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެއްބަނޑު އެއްބަފާ ބޭބެ އަޝްފާން ވަނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށާއި ގައުމީ ޓީމަށްވެސް މީގެ ކުރިން ކުޅެފައެވެ. އެގޮތުން، 2008ގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އަޝްފާނާއި އަޝްފާގް ހިމެނުނެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާގެ އެކި މަގާމުތައް ވެސް އަޝްފާން ވަނީ ފުރުއްވާފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި ސަރުކާރުގައި އެންމެ ފުރަތަމަ ކޮންޓްރޯލަރަކަށް ހަމަޖެއްސި މުހައްމަދު ޝަމްއާން ވަހީދު ވަކިކުރުމަށްފަހު އެވެ.
ޝަމްއާން ވަކިކުރި ފަހުން އޭނާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ވާނުވާ ބަންދުގައި 278 ދުވަސް ހޭދަކުރި އެވެ. އޭނާ މިހާރު ބަންދުން ދޫކޮށްލާފައިވާއިރު، އޭނާގެ މައްޗަށް ޝަރީއަތް ދަނީ ކުރެވެމުންނެވެ.




