ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރަނީ.--
އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި
މަރްޔަމް މުޙައްމަދު 8 މޭ 2026 (ހުކުރު)   23:00
އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ، އާ ސްޓޮކް ރާއްޖެ އަށް ގެންނައުމުގައި ލަސްތަކެއް ދިމާވާތީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި އެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ.

އެއީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އިމިގްރޭޝަނުން ބުނީ އިލެކްޓްރޯނިކް ޕާސްޕޯޓް އަލުން ދޫކުރަން ފެށުމުން، މި މުއްދަތުގައި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކަށް، އެއްވެސް ކެންސެލޭޝަން ފީއަކާ ނުލައި، ޕާސްޕޯޓު އިލެކްޓްރޯނިކް ޕާސްޕޯޓަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

އާންމު އުސޫލުން ނަމަ ކެންސަލޭޝަން ފީގެ ގޮތުގައި 100ރ ނަގައެވެ. 

އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އޭގެ އަގަކީ 600ރ. އެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1،000ރ. ދައްކަންޖެހެ އެވެ.

ކޮމެންޓް