
ސަރުކާރުން މިކަން ހާމަކޮށްފައި ނުވިނަމަވެސް، ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލައިކާ، އައްޔަނުކުރީ އިއްޔެ އެވެ.
އެޕްރީލް 4 ގައި ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އަލައިކާގެ އިތުރު ދެ ބޭފުޅަކު ވާދަކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާ އެވެ.
އެ އިންތިހާބުން ނާކާމިޔާބު ވުމަށްފަހު އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނާކާމިޔާބުވި ނަމަވެސް، އެ ދަތުރު ނިންމާލީ އެ އަށް ވުރެ މާ މަތިވެރި އަދި އަގުނުކުރެވޭނެ ފަދަ ނިއުމަތަކާ އެކުގައި ކަމަށެވެ. އެއީ އެތައް ބައެއްގެ އިތުބާރާއި ލޯތްބާއި ޔަގީންކަން ލިބުމުން، އެއީ ކާމިޔާބީއެއް ކަމަށް ދެކޭތީ ކަމަށް އަލައިކާ ވިދާޅުވެފައިވެ އެވެ.
އަލައިކާ ސިޔާސީ ކަންކަމުގައި ފުރަތަމަ ހަރަކާތްތެރިވީ އެމްޑީޕީ ގައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް، މައްޗަންގޮޅި މެދު ދާއިރާއަށް، ރައީސް މުޙައްމަދު ނަޝީދުއާ ވާދަ ކުރެއްވިއެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުއަށް ތާއީދުކުރާ ގިނަބަޔަކު ވެގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ އިސް ސަފުގައި ހަރަކާތްތެރިވިއެވެ. އެ ޕާޓީގެ ނައިބް ރައީސްގެ މަގާމުގައި އަލައިކާ ހުންނަވަނިކޮށް އެ ޕާޓީން ނިންމި ނިންމުމަކާއެކު، އެ ޕާޓީގެ ގިނަބަޔަކު އެމްޑީޕީއަށް ބަދަލުވިއިރު، އަލައިކާ ބަދަލުވީ ވެރިކަން ކުރާ ޕީއެންސީ އަށެވެ.
އަލައިކާއަށް ސަރުކާރުގެސިޔާސީ އިސް މަގާމެއް މި ދެއްވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބަށްފަހު، ސަރުކާރަށް ދަނީ ބައެއް ބަދަލުތައް ގެންނަމުންނެވެ.
މި ބަދަލުތަކުގެ ތެރެއިން ބައެއް ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރުގެ ވުޒާރާތަކުގެ އަދަދު މަދުކޮށް، ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކޮށް އާ ބޭފުޅުން ވަނީ އައްޔަންކުރައްވާފައެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކިކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.




