
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިޔަން ޑޮލަރު ދޫކުރި އެވެ.
ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނުން މިކަން ކަށަވަރުކޮށްދިންއިރު ދިވެހި ސަރުކާރުން އޮތީ މި ފެސިލިޓީ ރޯލްއޯވާ ކޮށްދޭން އެދިފަ އެވެ. ނަމަވެސް އިންޑިއާގެ ގަވާއިދުތައް ހުރި ގޮތުން މިކަން ކުރަން ހުރަސްތަކެއް ހުރި ކަމަށް އޭރުން ފެށިގެން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މުއްދަތު ހަމަވުމާ ގުޅިގެން ޑޮލަރު ސްވޮޕް ފެސިލިޓީ އަދާކުރުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވަނީ 30 ބިލިޔަން އިންޑިއަން ރުޕީސްގެ ފެސިލިޓީ ބޭނުންކުރަން ހުއްދަ ދީފަ އެވެ. މިއީ ވެސް ޑޮލަރު ފެސިލިޓީގައި ސޮއިކުރި ދުވަހު ސޮއިކުރި އެއްބަސްވުމެކެވެ.
އިންޑިއާ ހައި ކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އާ ސްވެޕް ފެސިލިޓީގައި އިންޓަރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ލުއިތަކެއް ހިމެނެ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި 2012 ގައި ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރެވުނު ފަހުން، އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވެޕް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން ދައްކާފައިވާ ކަމަށެވެ. އަދި އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެންވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.




