
ސަރުކާރުން އިއްޔެ ވަނީ އިންޑިއާއިން އޮކްޓޫބަރު 2024 ގައި ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ދަރަނި އަދާކުރީ ދެ ފަހަރަށް ދަރަނި ދައްކަންޖެހޭ މުއްދަތު ލަސްކުރުމަށް ފަހު، އިއްޔެއެވެ. އެއަށް ފަހު، އިންޑިއާއިން ވަނީ އޮކްޓޫބަރު މަހު ސޮއިކުރި 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ބޭނުންކުރުމުގެ ފުރުސަތު ދީފައެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޫކުރި ދަރަންޏެކެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އިންޑިއާ އަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އިންޑިއާއިން އާ ފަންޑިން ދޫކުރީ ކުރީގެ ދަރަނި ދައްކަންޖެހޭ ދުވަހު. މިއީ ގައުމުތަކުން އާންމުކޮށް "ޑެޓް ރޯލް އޯވާ" ކުރުމަށް ނުވަތަ ބޭނުންކުރާ އުސޫލެއް. އެއީ ކުރީގެ ދަރަނި ދެއްކުމަށްޓަކައި އާ ދަރަނި ނެގުން،" ނަޝީދު ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ ޕްލޭނެއް ގެންގުޅެން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ފަތުރުވެރިކަމުން ލިބޭ އާމްދަނީ 30 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ހުރީ ނުހަނު މަތީގައި، އަދި އެހާމެ އިސްރާފު ބޮޑު،" ނަޝީދު ލިޔުއްވި އެވެ.
އީރާން ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް އަދިވެސް ދުނިޔޭގެ އިގުތިސޯދަށް އަލިމަގެއް ނުފެނެ އެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތި މެދުވެރިކޮށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި، މި އާ ސްވެޕް ފެސިލިޓީގައި އިންޓަރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ލުއިތަކެއް ހިމެނެ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި 2012 ގައި ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރެވުނު ފަހުން، އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވެޕް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.




