
ނަޝީދު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށް ދެކޭތީ ކޯޓު އަމުރާ ހިލާފުވާން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް. އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް،" ނަޝީދު ވިދާޅުވިއެވެ.
މި ކޯޓު އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އަދަދު ނޫސް މެދުވެރިކޮށް ރައީސް އޮފީހުގެ މުވައްޒަފު މުއިއްޒުއާއެކު ބޭއްވި ގުޅުން ހާމަކުރުމާ ގުޅިގެން އެ ނޫހަށް ދައުވާކުރުމަށްފަހުކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުއިއްޒުއާ އެކު، ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެފައި. ރައީސް އޮފީހުގެ މުވައްޒަފު އެހެން ބުނީ އަދަދު ނޫސް މެދުވެރިކޮށް ކަމުން އެ ނޫހަށް ވަނީ ދައުވާ އުފުލާފައި. ކޯޓުން ވަނީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ އަމުރެއް ނެރެފައި،" ނަޝީދު ވިދާޅުވިއެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ހާދިސާއާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށާއި، އެފަދަ މައުލޫމާތެއް އެއްވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން މަނާކޮށްފަ އެވެ.
ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓްރީއެއް ޕަބްލިޝްކޮށްފައިވުމެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.
އެ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ ހާލަތު އޮތް މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
“ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑުކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކުރީމައި ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ކުރިން ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ނަޝީދު އެކްސްގައި ލިޔުއްވާފައި ވެއެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާކޮށްފައިވާއިރު، 'އައިޝާ ޑޮކިއުމެންޓަރީ' ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް، އެއްވެސް ތަނެއްގައި އެއްވެސް ރައްޔިތަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ރޭ ވަނީ ކޯޓު އަމުރެއްވެސް ނެރެފައެވެ.
ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދު އޮފީސް ފުލުހުން ރެއިޑްކޮށް އެ ނޫސް ހިންގުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ގެންގޮސް، އެ ނޫހުގެ އިސް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައި ވާތީ ދިވެހި ނޫސްވެރިންގެ ޖަމުއިއްޔާގެ އިތުރުން ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖިނާއީ ދައުވާ ނޫސްވެރިންގެ މައްޗަށް ނުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.




