ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު.--
އިންޑިއާ ދަތުރުގައި ރައީސް ސޯލިހާ ބައްދަލުވީ ފޯނުން: ރައީސް ނަޝީދު
މަރްޔަމް މުޙައްމަދު 9 މޭ 2026 (ހޮނިހިރު)   15:05
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލުވެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު ކަމަށްވާއިރު، ރައީސް ސޯލިހް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އޭގެ ދެ ދުވަސް ފަހުން ހުކުރު ދުވަހުއެވެ.

ދެ ބޭފުޅުން އެއް ވަގުތެއްގައި އިންޑިއާގައި ތިއްބެވި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. އަދި ދެ ބޭފުޅުން ފޯނުން ވާހަކަދެއްކެވި ކަމަށް ވިދާޅުވި ނަމަވެސް، އެ މަޝްވަރާތަކުގެ ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ކުރިއަށް ދަނިކޮށް ދެބޭފުޅުން އެކުއެކީގައި ކަހަލަ ގޮތަކަށް އިންޑިއާ އަށް ވަޑައިގަތުމުން، ދެ ބޭފުޅުން އެކުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. 

ކޮމެންޓް