މޭޔަރ އާދަމް އާޒިމް، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގައި.-- ފޮޓޯ: އެމްޑީޕީ
މާލޭ މޭޔަރ އާޒިމްއަށް މަގުމަތިން ހަމަލާ ދީފި
ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަން: އެމްޑީޕީ ރައީސް ޝާހިދު
ހަސަން އިބްރާހީމް 25 އޭޕްރީލް 2026 (ހޮނިހިރު)   06:16
އެމްޑީޕީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން މިރޭ ބޭއްވި މުޒާހަރާގައި ބައިވެރިވަމުން ދަނިކޮށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއަށް މީހަކު ހަމަލާ ދީފިއެވެ.

އާޒިމްއަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއިއޯތަކުން އެނގޭ ގޮތުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް މަގެއްގެ އަރިމަތީގައި ހުރި މީހަކު ވަނީ ކުއްލި އަކަށް އާޒިމްގެ ކުރިމައްޗަށް އަރައި މޭގައި އަޅައި ކޮއްޕާލާފަ އެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި ހަމަލާ ދިން މީހާއަށް ރައްދު ހަމަލާ ދީފަ އެވެ.

މިރޭގެ މުޒާހަރާގައި ވެސް އާޒިމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި މުޒާހަރާ ނިންމަވައިލެއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަގުމަތިން އެގޮތަށް އޭނާއަށް ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށެވެ. ސަބަބަކީ މުޒާހަރާ ތަކުގައި ސަރުކާރުގެ ނާގާބިލުކަން ކިޔައިދީ، ސަރުކާރު ޒިންމާދާރުކުރުވަން އަޑުއުފުލާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މުޒާހަރާގައި އަޅުގަނޑުމެން ބައިވެރިންނާއެކު ހިނގަމުންދަނިކޮށް، ކުއްލިއަކުން ގުރޫޕަކުން އައިސް އަޅުގަނޑުގެ މޭމަތީގައި ޖެހީ. ދެން އެ ޖެހިބުރާ އަޅުގަނޑު ކައިރީގައި ތިބި މީހުން އަޅުގަނޑު ހިމާޔަތް ކުރީ. އެހެންނޫންނަމަ އަޅުގަނޑަށް އިތުރަށް އަނިޔާ ލިބުނީ. މޭމަތީގައި ޖެހީމައި އެބަހުރި ރިހުން ކޮންމެވެސް ވަރަކަށް." މުޒާރަހާއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވިއެވެ.

ކޮންމެ ރެޔަކުހެންވެސް ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެން އެންމެ ކުރީގައި ހުންނަވާ އާޒިމް ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ގޯސްކޮށް ކަމަށާއި އެމްޑީޕީން ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

"ބޮޑެތި ކުންފުނިތައް ބަނގުރޫޓުވަމުންދާއިރު އެ ތިބެނީ ބަލަހައްޓައިގެން. ރައްޔިތުންގެ މަޖިލިސް އެ އޮތީ ހިސޯރުކޮށްފައި، ކޯޓުތައް އޮތީ ހިސޯރުކޮށްފައި،" އާޒިމް ވިދާޅުވި އެވެ.

ދައުލަތުގެ ހުރިހާ ބާރެއް ފެއިލްވުމުން އެ ތަންތަން ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ނުކުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ރައްޔިތުންގެ ތެރެއިން 70 ޕަސެންޓު މީހުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ވެރިކަން ކުރާ ސިޓީގެ މޭޔަރަށް ދިން ހަމަލާ އެމްޑީޕީގެ އިސްވެރިން އަންނަނީ ކުށްވެރި ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވައިލައްވާފަ އެވެ.

ކޮމެންޓް