އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ސިލްސިލާ މުޒާހަރާއިން ދެ މީހަކު ހައްޔަރުކޮށްފި
ފިޔެސް 18 އޭޕްރީލް 2026 (ހޮނިހިރު)   23:53
އެމްޑީޕީ އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މި ރޭ މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފި އެވެ.

އެޕްރީލް 4 ގައި ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައެވެ. އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީން ފާސްކުރި 12 ޑިމާންޑާއެކު، އެ ޕާޓީން އިހުތިޖާޖު ކުރަން ނިންމީ އެޕްރީލް 14 ވަނަ ދުވަހުގެ ރެއެވެ. އެ ރެއިން ފެށިގެން އެމްޑީޕީން އަންނަނީ ކޮންމެ ރެޔަކުމެ އެ ޕާޓީގެ ހަރުގެ ހުންނަ ޗާނދަނީމަގު ސަރަހައްދުން ފެށިގެން އެކި މަގުތަކަށް އެއްވާން ފަށާފައެވެ. ފުލުހުން ގެންދަނީ ކޮންމެ ރެޔަކުވެސް އެ އެއްވުމަށް ހުރަސް އަޅަމުންނެވެ.

މިރޭ ވެސް މުޒާހަރާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާ އިރު މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން މަސައްކަތް ކުރި ކޮންމެ ފަހަރަކު ފުލުހުން ވަނީ ބެރިކޭޑް ޖަހައި، މުޒާހަރާގެ މީހުންނާ ކުރިމަތިލައި ހުއްޓުވާފަ އެވެ.

އެހެން ރޭތަކާ ހިލާފަށް މިރޭގެ މުޒާހަރާ އިން އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު (ވާވާ) އާއި އެމްޑީޕީ ޔޫތު ވިންގު ނައިބްރައީސް މައިމޫން ވަނީ ހައްޔަރު ކޮށްފައެވެ. މައިމޫން ހައްޔަރުކުރިއިރު އޭނާއަށް ވަރަށް ބޮޑަށް ފުލުހުން އަނިޔާކުރިކަމަށް މަންޒަރުދުށް މީހުން ބުނެފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ވާވާ އާއި މައިމޫން ދޫކޮށްލަން ގޮވާލަމުން ނެވެ.

އަދި އެހެން ރޭ ތަކެކޭ އެއްގޮތަށް ތަފާތު ޝުއޫރު ތަކާއެކު މުޒާހަރާގެ ބައިވެރިން ދަނީ ތަކުރާރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މިރޭ ފުލުހުން ވަނީ މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރާ ނޫސްވެރިންނަށްވެސް ހުރަސް އަޅާފައެވެ. އެގޮތުން، ރާއްޖެ ޓީވީ ކެމެރާމަން ވަނީ ގަދަ ބާރުން އެ ސަރަހައްދުން ދުރަށްލާފައެވެ. 

އިންތިހާބުތަކުގެ ނަތީޖާއާއެކު، ރައީސް ޔާމީންގެ ޕީއެންއެފްގެ މެންބަރުންވެސް އަންނަނީ މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް ސިލްސިލާ އެއްވުންތައް ބާއްވަމުންނެވެ.

ކޮމެންޓް