
ހޮނިހިރު ދުވަހުގެ ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ގެ ތެރެއިން ބާރުގަދަ އަޑުތަކެއް އިވެން ފެށުމާ އެކު، ހަފްލާގެ ބައިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް މޭޒުތަކުގެ ދަށަށް ވަދެފަ އެވެ.
މި ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ހާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާ އެކު ސްޓޭޖްގެ ކޮންޓްރޯލް ނަގައި، ރައީސް ޓްރަމްޕް ވަގުތުން އެތަނުން ނެރެފަ އެވެ.
މި ހަފްލާގައި ރައީސް ޓްރަމްޕްގެ އިތުރުން ފަސްޓް ލޭޑީ މެލަނިއާ އާއި ނައިބްރައީސް ޖޭޑީ ވެންސް އާއި ޓްރަމްޕްގެ ކެބިނެޓްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.
މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުން ބުނެފައިވާ ގޮތުގައި، ބަޑީގެ އަޑު އިވެން ފެށީ ހަފްލާ ފަށައި ކެއުން ކުރިއަށް ދަނިކޮށް، ޓްރަމްޕް ވާހަކަފުޅު ދެއްކެވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
މި ހާދިސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ގިނަ ހަތިޔާރުތަކަކާއެކު ހުރި މީހަކު ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ހަމަލާދޭން އުޅުމުން ސީކްރެޓް ސާވިސްއިން އޭނާ "ބިންމަތިކޮށް" ހުއްޓުވާފައިވާ ކަމަށެވެ.
ޓްރަމްޕް އެ ތުހުމަތުކުރެވޭ މީހާ ސިފަކުރެއްވީ އެއީ "ވަރަށް ބަލި މީހެއް" އަދި އެމެރިކާގެ ގާނޫނުއަސާސީއަށް ހަމަލާދިން "ގޭންގު މީހެއް" ގެ ގޮތުގައެވެ.
މި ހަމަލާގައި ސީކްރެޓް ސާވިސްގެ އޮފިސަރެއްގެ ގަޔަށް ބަޑިޖެހި ކަމަށާއި، ނަމަވެސް އޭނާ ސަލާމަތްވީ ބްލެޓް ޕްރޫފް ވެސްޓްގެ ސަބަބުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި ހަމަލާގެ އަމާޒަކީ އޭނާ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ޖަވާބު ދެއްވީ "އެހެން ހީވޭ" މިފަދައިންނެވެ.
ސީކްރެޓް ސާވިސްއިން ބުނީ ބަޑިޖެހުމުގެ ހާދިސާ ހިނގާފައިވަނީ "ސްކްރީނިންގ އޭރިއާ" އެއްގައި ކަމަށާއި، އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި ހާދިސާގައި ހިމެނޭ މީހުންގެ ހާލަތު އަދި ނޭނގޭ، އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ހާލަތު ވަޒަންކުރަމުން،" އެ އެޖެންސީން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ކުޑައިރުކޮޅެއް ކުރިން، ޓްރަމްޕް ވަނީ ތުހުމަތުކުރެވޭ މީހާ ބިންމަތީގައި ބޯވަތަށް އޮއްވާ ފެންނަ ފޮޓޯތަކަކާއި، ސެކިއުރިޓީ މުވައްޒަފުންގެ ކައިރިން މީހަކު ދުވެފައި ދަނިކޮށް އެ މީހުން ބަޑި ނަގައި ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ޓްރޫތު ސޯޝަލްގައި އާންމުކުރައްވާފައެވެ.
އެމެރިކާގެ ގިނަ މީޑިއާތަކުން ބުނާ ގޮތުގައި ތުހުމަތުކުރެވޭ މީހަކީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޯމަސް އެލަން އެވެ.
މިއީ ޓްރަމްޕަށް އަމާޒުކޮށް ދޭން އުޅުނު ކަމަށް ބެލެވޭ ފުރަތަމަ ހަމަލާއެއް ނޫނެވެ. ޕެންސިލްވޭނިއާގެ ބަޓްލާގައި 2024 ވަނަ އަހަރު ބޭއްވި ރެލީއެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕު ޒަހަމްވެފައި ވާއިރު، އޭގެ ފަހުން ފްލޮރިޑާގެ ގޮލްފް ކޯހެއްގައި ހުންނަވަނިކޮށް ވެސް ހަތިޔާރާ އެކު ހުރި މީހަކު ވަނީ އެތަނުން ހައްޔަރުކޮށްފަ އެވެ.




