އެމެރިކާ ސިފައިންގެ ލަޝްކަރުން ބައެއް ފުރަނީ - ފޮޓޯ: އެމެރިކަން އާމީ
އެމެރިކާ ސިފައިން ޖަރުމަނުން ބާލަންފަށައިފި
މިއީ އަދަބުދިނުމުގެ ގޮތުން އެމެރިކާ ސިފައިން ނޭޓޯގެ ގައުމަކުން ބާލާ ފުރަތަމަ ފަހަރު
ޖުނާން އަޙުމަދު 3 މޭ 2026 (އާދީއްތަ)   10:57
ޖަރުމަނުގެ ދިފާއުގައި އެރިކާއިން ވެދިން އެހީތެރިކަމެއްގެ ގޮތުން، އެ ގައުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރުގައި ހިމެނޭ 5000 ސިފައިން އެ ގައުމުން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިކަން އިއުލާކޮށްފިއެވެ.

ޖަރުމަނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ލަޝްކަރުގައި 35000 ސިފައިން ހިމެނޭއިރު، މިގޮތަށް މިކަން ކުރުމަށް ޓްރަމްޕް މި ނިންމީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ލާއިންސާނީ ހަނގުރާމައަށް އެއްބާރުލުން ދޭން ދެކޮޅު ހެދި ނޭޓޯގެ ގައުމުތަކަށް އަދަބު ދޭނެކަމަށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މި 5000 ސިފައިން ބޭލުމުގެ އިތުރުން ޖަރުމަނުގައިވާ އެމެރިކާގެ ބައެއް ހަތިޔާރު ވެސް އަނބުރާ އެމެރިކާއަށް ގެންދާނެ ކަމަށް، ޕެންޓަގަން (އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާ) އިން، ޓްރަމްޕްގެ ބަސް ކަށަވަރު ކޮށްދީ އެ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެއެވެ.

ނޭޓޯގެ ގައުމަކަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ ސިފައިން ނޭޓޯގެ ގައުމަކުން ބާލާ މިއީ ފުރަތަމަ ފަހަރުކަމަށް ވާއިރު، ޓްރަމްޕް މިގޮތަށް މި ނިންމެވީ، ނޭޓޯގެ މެންބަރުންގެ މެދުގައި އެއްބައިވަންތަކަން ގެއްލި އެ ޖަމިއްޔާ ރޫޅިގެން ހިނގައިދާނެކަމުގެ ބިރު ވެސް ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޖަރުމަނުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަޕް ނިންމެވީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި މަގުސަދު ހާސިލު ނުކުރެވި ސްޓްރެޓީޖިކް ގޮތުން އެމެރިކާ ވަނީ ބަލިވެފައިކަމަށް ދޭހަވާ މޭރުމަކުން ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މެޔަޒް ވާހަކަދެއްކެވުމާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ އަސްކަރީ ގާބިލުކަމަށް މަލާމާތްކުރައްވައި ވާހަކަދައްކަވަމުން ޖަރުމަނުގެ ޗާންސެލާ މެޔާޒް ވިދާޅުވެފައި ވަނީ، ގަލްފުގައިވާ އެމެރިކާގެ ބޭސްތައް އީރާނުގެ ރައްދު ހަމަލާތަކުން ދިފާއުކުރުމުގައި އެމެރިކާއިން ނާކާމިޔާބުވެފައިވާއިރު ޖަރުމަނު ފަދަ ނޭޓޯގެ ގައުމުތައް އެމެރިކާއަށް ދިފާއުކޮށްދެވޭނީ ކިހިނެއްތޯ؟ ކަމަށެވެ.

ކޮމެންޓް