
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
އަފީފަކީ މި ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ތިންވަނަ ފަރާތެވެ. އަފީފްގެ ކުރިން އެ މަގަމުގައި ހުންނެވި މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު، މަގާމުން ވަކިކުރީ އެޕްރީލް 6 ގައެވެ.
ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް އެންމެފަހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.
އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތައް ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ހިމެނެ އެވެ.




