
މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން ފެނަކައިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ. އެކަމަށް އެދި ހުށަހަޅަން ހުޅުވައިލީ އެ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.
ފެނަކަ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ކުންފުނިން ހުޅުވައިލި ފުރުސަތުގެ ބޭނުން 97 މުވައްޒަފަކު ހިފާފައިވާ ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުންނަގާ ކަމުގެ ވާހަކަ އަކީ ކޮންމެ ސަރުކާރެއްގައިމެ އިވޭ ވާހަކައެކެވެ. މި ސަރުކާރު ފެށުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަނީ އެތައް ސަތޭކަ ވަޒީފާއެއް އުފައްދައި މުވައްޒަފުން ނަގާފައެވެ.
ކުރާނެ މަސައްކަތެއް ނެތިވެސް ގިނަ ރަށްތަކެއްގައި ފެނަކަ މުވައްޒަފުން ގިނަ އަދަދަކަށް ތިބެއެވެ. އެކަން އެގޮތަށް ކޮށްފައިވަނީ އިންތިހާބުތަކުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ ބޭނުމުގައެވެ.
ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު މީޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ ޕޭރޯލްގައި 8،000 ވަރަކަށް މުވައްޒަފުން އެބަ ތިއްބެވެ. އެއީ އެ ކުންފުންޏަށް އެކަށީގެން ނުވާ އަދަދެއްކަން ފާހަގަ ކުރައްވާ، އޭނާ ވިދާޅުވެފައިވަނީ ކުންފުންޏަށް އެކަށޭނަ އަދަދަށް މުވައްޒަފުން މަދުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ދަރަންޏާއެކު، ހިންގުމުގެ ހަރަދު އެންމެ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ.




