
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.
އެކަމަށް އެދި ހުށަހަޅަން މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މެމޯގައި ބުނެފައި ވެއެވެ. މި ފުރުސަތު ދެނީ އެ ކުންފުނިން މުވައްޒަފުން މަދުކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިންކަމަށް، މެމޯގައި ވަނީ ބުނެފަ އެވެ.
ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މެމޯގައި ވާ ގޮތުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުންނަގާ ކަމުގެ ވާހަކަ އަކީ ކޮންމެ ސަރުކާރެއްގައިމެ އިވޭ ވާހަކައެކެވެ. މި ސަރުކާރު ފެށުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަނީ އެތައް ސަތޭކަ ވަޒީފާއެއް އުފައްދައި މުވައްޒަފުން ނަގާފައެވެ.
ކުރާނެ މަސައްކަތެއް ނެތިވެސް ގިނަ ރަށްތަކެއްގައި ފެނަކަ މުވައްޒަފުން ގިނަ އަދަދަކަށް ތިބެއެވެ. އެކަން އެގޮތަށް ކޮށްފައިވަނީ އިންތިހާބުތަކުގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ ބޭނުމުގައެވެ.
ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު މީޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ ޕޭރޯލްގައި 8،000 ވަރަކަށް މުވައްޒަފުން އެބަ ތިއްބެވެ. އެއީ އެ ކުންފުންޏަށް އެކަށީގެން ނުވާ އަދަދެއްކަން ފާހަގަ ކުރައްވާ، އޭނާ ވިދާޅުވެފައިވަނީ ކުންފުންޏަށް އެކަށޭނަ އަދަދަށް މުވައްޒަފުން މަދުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ދަރަންޏާއެކު، ހިންގުމުގެ ހަރަދު އެންމެ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ.




