މާލޭ މޭޔަރަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
މާލޭ މޭޔަރަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި
މަރްޔަމް މުޙައްމަދު 28 އޭޕްރީލް 2026 (އަންގާރަ)   10:40
ހުކުރުދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ އިހުތިޖާޖުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދިން މައްސަލައިގައި، އެ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ޢަބްދުﷲ މުޢާޒް(35އ) ގ. އީރީ / ކ.މާލެ، ކަމަށާ، އޭނާ މިހާރުވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޭޔަރު އާޒިމަށް ހަމަލާދޭ ވީޑިއޯ، މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ހެންވޭރު ސަހަރާ ކައިރިން އެ އިހުތިޖާޖުގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލާ މަންޒަރު ފެނެއެވެ.

އެ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު، އެ ހަމަލާއާ ގުޅިގެން ހޮސްޕިޓަލަށް ވެސް ވަޑައިގަންނަވާފައި ވާއިރު، އާޒިމް ވިދާޅުވެފައި ވަނީ އެއީ ސަރުކާރުން ގަސްތުގައި ރާވައިގެން ކުރި ކަމެއްކަމަށެވެ.

ނަމަވެސް އާޒިމް ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފައި ވާއިރު، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ކޮމެންޓް