އަދަދު ނޫސް ހިންގާ އިމާރާތުގެ ކުރިމަތީގައި ފުލުހުން.-- ފޮޓޯ: ސޯޝަލްމީޑިއާ
އަދަދު އޮފީހަށް ފުލުހުން ވަނުން އެމްޑީޕީން ކުށްވެރިކޮށްފި
ފިޔެސް 27 އޭޕްރީލް 2026 (ހޯމަ)   23:13
އަދަދު ނޫހުން އުފައްދައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގަމުންދާ ބަލައި ފާސްކުރުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު މައި ޕާޓީން އިނގިރޭސި ބަހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވި ނުރައްކާތެރި ގޮންޖެހުމެއް ކަމަށެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވީ ނަމަވެސް، އެ އަމުރު އޮތް ގޮތުންނާއި އޭގައިވާ ކަންކަމުގެ ނުސާފުކަމާ މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ފާހަގަކުރި ގޮތުގައި، އެ އަމުރުގައި ބަލައި ފާސްކުރަންޖެހޭ ދާއިރާއާއި، ތަހުގީގު ކުރަމުންދާ މައްސަލައަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން، އެ ނޫހުގެ މަސައްކަތްތަކަށް ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.

މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ މުއިއްޒުއާ ގުޅޭގޮތުން ޒުވާން އަންހެނަކު ކުރި ސީރިއަސް ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއް އެ ނޫހުން ދެއްކުމާ ގުޅިގެންނެވެ. އެމްޑީޕީން ބުނީ، ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ ރިޕޯޓުތަކާ ގުޅިގެން އަމަލުކުރަންޖެހޭނީ ދެފުށް ފެންނަ، މިނިވަން ތަހުގީގީ މަރުހަލާއެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ނޫސްވެރިންނަށް ބިރުދައްކައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ މަންޒަރު ކަމަށް އެ ޕާޓީން ސިފަކުރެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އާ ގާނޫނެއް މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން ބުނާ ގޮތުގައި، މިފަދަ ގާނޫނުތަކާއި ފުލުހުންގެ މިފަދަ އަމަލުތައް އެކުވުމުން، މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތު ހަނިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

މިނިވަން ނޫސްވެރިކަމަކީ ކޮންމެ ޑިމޮކްރެޓިކް ގައުމެއްގެ ބިންގާ ކަމަށާއި، އެއްވެސް ބިރުވެރިކަމެއް ނެތި ކަންކަން ތަހުގީގުކޮށް ރިޕޯޓު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަންވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އުސޫލުތަކަށް އިހުތިރާމް ކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީން އިތުރަށް ގޮވާލާފައިވަނީ، ޑިމޮކްރެޓިކް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ފަދަ އެއްވެސް އަމަލެއް ސަރުކާރުން ނުހިންގުމަށާއި، ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

ކޮމެންޓް