އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު (ކ) އާއި، އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން
'އަދަދު' ގެ ފިޔާޒް އާއި ހަސަނަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި
ޖުނާން އަޙުމަދު 28 އޭޕްރީލް 2026 (އަންގާރަ)   20:07
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން މީހަކު ކިޔައިދީފައިވާ ވާހަކަތަކަކަށް ބިނާކޮށް އަދަދު ނޫހުން އުފައްދައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ރޭ ހިފަހައްޓާފައި ވަނިކޮށް، އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް މިއަދު ހިފަހެއްޓުމަށް ފަހު މިހާރު އެ ދެބޭފުޅުންނަށް ވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައި ވަނީ، އެ ދެބޭފުޅުން ވެސް ފުލުހަށް ހާޒިރުކުރަނީ އަދަދު ނޫހުން 'އައިޝާ'ގެ ނަމުގައި އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީގެ މައްސަލައިގައި، އެ ދެ ބޭފުޅުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ އެކަމުގެ ތަހުގީގަށް ކަމަށެވެ.

އަދިއެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުވުމަށް އަންގާފައި އޮތީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.

މި ދެބޭފުޅުންގެ ޕާސްޕޯޓާއެކު، މި ސަރުކާރުގައި ރައީސް މުއިއްޒު ގިނަ ސިޔާސީ މަގާމުތަކެއް ދެއްވެވި ރައީސް އޮފީހުގެ ވެސް ކުރީގެ މުއައްޒަފެއް ކަމަށްވާ އީޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ވަނީ ހިފަހައްޓާފައެވެ.

އީޝާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ، ރައީސް މުއިއްޒު އެ މަނިކުފާނުގެ މުއައްޒަފަކާއެކުގައި ނަހަމަ ގުޅުންތަކެއް ހިންގިކަމަށް ތުހުމަތުވާ، "އައިޝާ" (އަދަދު ނޫހުގެ ޑޮކިއުމެންޓްރީއެއް) ތައްޔާރުކުރުމުގައި އީޝާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި ކަމަށް، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުން މިއަދު އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ ޕާސްޕޯޓް ހިފެހެއްޓި ކަމުގެ ކޯޓު އަމުރު އޭނާއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ ކޯޓު އަމުރުގައި، އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވެއެވެ.

ރައީސް އޮފީހާއި ދެ މިނިސްޓްރީއެއްގައި ވެސް ސިޔާސީ މަގާމު ފުރުއްވާފައިވާ، އީޝާގެ އިތުރުން އެ ޑޮކިއުމެންޓްރީ ތައްޔާރުކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ރޭ ހިފަހައްޓާފައި ވާއިރު، އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓާފައެވެ.

އީޝާއެކޭ އެއްފަދައިން ފިޔާޒް އާއި ހަސަންގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ އަންނަ 27 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތައްކަމަށް ވާއިރު،

ފިޔާޒް އާއި ހަސަން ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި، އެ ދެބޭފުޅުންގެ ބައިވެރިވުން "އައިޝާ" ޑޮކިއުމަންޓްރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށާ، އެ ދެބޭފުޅުން ވެސް ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ވެއެވެ.

އަދި އެ ދެބޭފުޅުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރުގައިވާ ސަބަބަކީ ވެސް، ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

އެ ކޯޓު އަމުރުތަކުގައި، ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށް ކަމަށްވާއިރު، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްްދާގައި ބުނަނީ، ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެން ވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހެއް ކަމުގައިވުން. މިފަދައިންނެވެ.

ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ) ގައި ވަނީ: އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާ މެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން. މިފަދައިންނެވެ.

އެހެންކަމުން އެއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާ އެކު 80 އެތިފަހަރުން ތައުޒީރު ކުރަންޖެހޭނެއެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ޕްރެސް ބްރީފިންގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި ވާއިރު، އެ ވަގުތު، އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ވިދާޅުވީ ރައީސް މުއިއްޒު އަންގަވައިގެން ހޯމް މިނިސްޓަރ އިހުސާނު އާއި ޕޮލިސް ކޮމިޝަނަރު މަސައްކަތް ކުރައްވަނީ އަދަދު ނޫސް ހުއްޓުވުމަށް ކަމަށެވެ.

"އަދަދު އޮފީސް ރެއިޑް ކުރުމަށް ފަހު ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހިފައިގެން ފުލުހުން ގޮސްފި. ގާތްގަނޑަކަށް ހަތަރު ގަޑިއިރު މި އޮފީސް ތެރޭ ފުލުހުން ހޭދަކުރި." އަދަދު އިން ބުނެފައި ވެއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ވެސް، ރޭ އެ ސަރަހައްދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ "ފުލުހުން އަތުގައި އޮތީ ބަލައިފާސްކުރުމުގެ އަމުރެއް، ތަކެތި ގެންދިޔުމުގެ އަމުރެއް ނެތް. މިރޭ ފުލުހުން އައިސް އަދަދު ނޫހަށް ވަނީ އަދަދު ނޫސް ހިންގުން ހުއްޓުވުމަށް،" ކަމަށެވެ.

ފުލުހުންގެ މިއަމަލާ ގުޅިގެން ގިނަބަޔަކު ދަނީ، މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާކަމަށް ބުނެ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސް ގިނަ ބޭފުޅުން ވެސް ހިމެނެއެވެ.

ކޮމެންޓް