އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު
'އަދަދު' ނޫހުގެ މެނޭޖިން އެޑިޓަރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި
ޖުނާން އަޙުމަދު 28 އޭޕްރީލް 2026 (އަންގާރަ)   11:31
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން މީހަކު ކިޔައިދީފައިވާ ވާހަކަތަކަކަށް ބިނާކޮށް އަދަދު ނޫހުން އުފައްދައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ރޭ ހިފަހައްޓާފައި ވާއިރު، އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް މިއަދު ހިފަހައްޓައިފި އެވެ.

ހަސަންގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އިއްޔެއިން ފެށިގެން އަންނަ 27 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަމަށް ވާއިރު، ފިޔާޒްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައި ވަނީ އެ މުއްދަތައްކަން ފާހަގަކޮށްލެވެއެވެ.

ހަސަން ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި، އޭނާގެ ބައިވެރިވުން ޑޮކިއުމަންޓަރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށާ، ހަސަން ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރުގައިވާ ސަބަބެކޭ އެއްގޮތަށް، ހަސަންގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބުގެ ގޮތުގައި ވެސް ކޯޓު އަމުރުގައި ހިމެނެނީ، ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

އެކަމުގައި ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށް ކަމަށްވާއިރު، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްްދާގައި ބުނަނީ، ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެން ވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހެއް ކަމުގައިވުން. މިފަދައިންނެވެ.

ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ) ގައި ވަނީ: އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާ މެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން. މިފަދައިންނެވެ.

އެހެންކަމުން އެއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާ އެކު 80 އެތިފަހަރުން ތައުޒީރު ކުރަންޖެހޭނެއެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ޕްރެސް ބްރީފިންގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި ވާއިރު، އެ ވަގުތު، އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ވިދާޅުވީ ރައީސް މުއިއްޒު އަންގަވައިގެން ހޯމް މިނިސްޓަރ އިހުސާނު އާއި ޕޮލިސް ކޮމިޝަނަރު މަސައްކަތް ކުރައްވަނީ އަދަދު ނޫސް ހުއްޓުވުމަށް ކަމަށެވެ.

"އަދަދު އޮފީސް ރެއިޑް ކުރުމަށް ފަހު ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހިފައިގެން ފުލުހުން ގޮސްފި. ގާތްގަނޑަކަށް ހަތަރު ގަޑިއިރު މި އޮފީސް ތެރޭ ފުލުހުން ހޭދަކުރި." އަދަދު އިން ބުނެފައި ވެއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ވެސް، ރޭ އެ ސަރަހައްދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ "ފުލުހުން އަތުގައި އޮތީ ބަލައިފާސްކުރުމުގެ އަމުރެއް، ތަކެތި ގެންދިޔުމުގެ އަމުރެއް ނެތް. މިރޭ ފުލުހުން އައިސް އަދަދު ނޫހަށް ވަނީ އަދަދު ނޫސް ހިންގުން ހުއްޓުވުމަށް،" ކަމަށެވެ.

ފުލުހުންގެ މިއަމަލާ ގުޅިގެން ގިނަބަޔަކު ދަނީ، މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާކަމަށް ބުނެ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސް ގިނަ ބޭފުޅުން ވެސް ހިމެނެއެވެ.

ކޮމެންޓް