ހަސަން، ފުލުހުންގެ އިންވެސްޓިގޭޝަން އިމާރާތަށް ވަންނަނީ.-- ފޮޓޯ: އަދަދު
ހަސަން، ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފި
މަރްޔަމް މުޙައްމަދު 29 އޭޕްރީލް 2026 (ބުދަ)   11:24
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އަދަދުގެ އެޑިޓަރު ހަސަން މުހައްމަދު ހާޒިރުކުރުމުން، ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފި އެވެ.

ހަސަން، މިއަދު ހެނދުނު 8:30 ގައި ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުކޮށް، ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގާ ފަސް ކުށެއްގެ ތުހުމަތު ކުރިއެވެ.

އޭނާގެ ވަކީލު ސައްޔާރު ހަލީލު ވިދާޅުވެފައިވާ ގޮތުގައި ހަސަން ވަނީ ތުހުމަތު ތަކަށް އިންކާރުކޮށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ.

"މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް. އެކަން އެހެން އޮތުމުން ހަސަންގެ ފަރާތުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި،" ސައްޔާހު ވިދާޅުވެފައި ވެއެވެ.

ހަސަންގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް:

  1. މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
  2. މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
  3. ގަޛްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
  4. ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
  5. ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ

.

މި މައްސަލައާ ގުޅިގެން މިއަދު މެންދުރު 2:30 ގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން، އެޕްރީލް 27 ގައި އޮތް ނޫސް ކޮންފަރެންސް ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވިއެވެ. 

ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.

ކޮމެންޓް